إسلام ދީން ދެކެ ނަފްރަތު ކުރިޔަސް، ވެސްޓަން ޑިމޮކްރަސީ ތަޢާރަފު ކުރިޔަސް އަދި ދުނިޔޭގެ އެދުންތައް އިސްކުރިޔަސް ، ދިވެހި ބަހަށް އިސްކަން ނުދެވޭ ސިޔާސަތެއް އަދި ދީނާ ދުރަށް ދެވޭނެ ގޮތެއް މެނިފެސްޓޯގައި ހިމެނުމަކީ ، ހީލަތްތެރިކަމެކެވެ.
ފުރާންސް އަކީ އެފްރިކާގެ ގިނަ ޤައުމު ތަކެއް އިސްތިޢުމާރު ކުރި ޔޫރަޕްގެ ބޮޑު އިސްތިޢުމާރީ ބާރެކެވެ. އެފްރިކާގެ މިޤައުމުތަކުގެ ތެރޭގައި ޢަރަބި ބަހަކީ ދައުލަތުގެ ރަސްމީ ބަސް ކަމުގައިވާ އަދި ޢަރަބިބަހުން ވާހަކަ ދައްކާ ޢަރިބި 4 ޤައުމެއް ފުރާންސްގެ އިސްތިޢުމާރީ ބާރުގެ ދަށުގައި ވިއެވެ. އެއީ މޮރުކޯ (44 އަހަރު) ، އަލްޖީރިޔާ (132 އަހަރު)، ޓިއުނޭޝިޔާ (75 އަހަރު) ، ޖިބޫތީ (68 އަހަރު) އެވެ.
ފުރާންސްގެ ބާރާއި ނުފޫޒުން އެންމެ ފުރަތަމަވެސް ހަތަރު ޤައުމަށް ކުރިމަތިކުރުވި ކަމަކީ ސްކޫލު މަދަރުސާ އަދި ޔުނިވަރސިޓީ ތަކުގައި ޢަރަބި ބަހުން ކިޔަވައިދިނުން މަނާ ކުރުމެވެ. މުޅި ތަޢުލީމީ ނިޒާމު ޢަރަބި ބަހުގެ ބަދަލުގައި ފުރާންސް ބަހުން ކިޔަވައިދޭ ގޮތަށް ނިންމުމެވެ.
ނަތީޖާ އަކަށް ވެގެން ދިޔައީ މިތިން ޤައުމުން ޢަރަބި ޘަޤާފަތް އުވިގެންދިއުމެވެ. ޢަރަބި ބަހުން ވާހަކަ ދައްކާ މީހުން މަދުވުމެވެ. އިސްލާމް ދީނާއި ގުޅުމެއް ނެތް އާދަކާދަތައް ޢާންމުވެ ޢަޤީދާ ބަލިކަށިވެ ޤުރްއާނަށް އޮތް ލޯބި ނެތުމެވެ. ޢައްޔާސީ ކަންކަމަށް މީސްތަކުން ޝައުޤުވެރިވުމެވެ. މީސްތަކުންގެ ހިތްތަކުގައި މިސްކިތަށް އޮތް ލޯބި ނެތުމެވެ.
ފުރާންސްގެ އަޅުވެތިކަމުން އެޤައުމުތަކަށް މިނިވަންކަން ލިބުނުއިރު އެ މުޖުތަމަޢުތަކުގައި އިސްލާމީ އުޞޫލު ތަކަށް ވުރެ ފުރާންސްގެ އާދަކާދަ އާއި ޘަޤާފަތް މީހުންގެ ހިތް ތަކުގައި ވަނީ އިތުރުވެފައެވެ އެމުޖުތަމަޢުތަކުގައި ހަމައެކަނި އޮތް އެއްޗަކީ މުސްލިމު ނަމެކެވެ. މިއަދާއި ހަމައަށްވެސް މިތިން ޤައުމުގައި ޢަރަބި ޘަޤާފަތަށްވުރެ ފުރާންސްގެ ޘަޤާފަތުގެ މަޤުބޫލު ކަން ބޮޑެވެ.
އެހެން ނަމަވެސް އެޤައުމުތަކަށް މިނިވަންކަން ލިބި ސަރުކާރުގެ ސިޔާސަތުތައް ކޮންމެވެސް ވަރަކަށް ރައްޔިތުންގެ ގާތަށް އައުމުން ރައްޔިތުންނަށް ހެދި ގޮތާއި ޤައުމަށް ވީގޮތް ރައްޔިތުންނަށް ވިސްނޭން ފެށުމާއެކު އަމިއްލަ ބަހުން ވާހަކަ ދެއްކުމުގެ ޝައުޤުވެރިކަން ޢާންމު ވަމުން ދާން ފަށައިފިއެވެ. ޤައުމީ ލޯބި އިތުރުވެ ޢަރަބި ބަހާއި ޤުރުއާނަށް ދޭ އަހަމިއްޔަތު ބޮޑުވެއްޖެއެވެ. ޢަރަބި ޘަޤާފަތް މަޑުމަޑުން ފެތުރެން ފަށައިފިއެވެ.
މިމުޖްތަމަޢުތަކުން ގެއްލިގެން ދިޔަ ތަރިކަ އަނބުރާ ހޯދުނީ ، އެތައްބައެއްގެ ޤުރުބާނީ އަކުންނެވެ. އެތައް އަހަރެއްގެ މަސައްކަތްތަކަކުންނެވެ. އިސްލާމްދީން ދޫކޮށް އެތައް ޖީލެއް މިދުނިޔެ ދޫކޮށް ދިޔަފަހުން ނެވެ. މިއީ ލޯމަތިން ފެންނަން އޮތް ޙަޤީޤަތެކެވެ.
"إسلآم " މިމާއްދާ ދިވެހި ބަހުން ކިޔަވައިދިނުން ހުއްޓާލާ އިނގިރޭސި ބަހުން ކިޔަވައިދޭން ފަށާނެ ކަމަށް އެމްޑީޕީ ގެ ވެރިކަމުގެ ދެވަނަ ދައުރުގެ މެނިފެސްޓޯގައި ހިމަނައި އިޢުލާން ކުރެވިފައިވެއެވެ.
މިއީ ކަންބޮޑުވާންޖެހޭ ވާހަކަ އެކެވެ. އިސްލާމީ ޤައުމުތަކުގެ މާޒީ އަށް ވިސްނާލާ އިރު މިފަދަ ކަންކަމަކީ ދުރާލާ ރޭވިގެން ހިގާފައިވާ ޙަޤީޤަތްތަކެވެ. މިކަން ތަންފީޛް ވެގެން ގޮސްފިނަމަ މިއީ ދިވެހިޤައުމަށް ދެވޭނެ ވަރަށް ބޮޑު އަނިޔާއެކެވެ. އިސްތިޢުމާރީ ބާރެއްގެ ފެށުމެވެ. އަދި އެކަމަށް ދެވޭނެ ދަޢުވަތެއް ވެސް މެއެވެ. އޭރުންވާނީ މިޤައުމުގައި ފިކުރީ ހަގުރާމަ އިޢުލާން ކުރުންކަމަށެވެ. މިޤައުމުގެ ޘަޤާފަތް އުވާލުންކަމަށެވެ. ދިވެހިބަސް ދިވެހި ޤައުމުން ނައްތާލަން ކުރާމަސައްކަތް ތަކަށް އިތުރު ހިތްވަރެއް ލިބިގެން ދިއުންކަމަށެވެ. ދެންފެށޭނީ ، ތަޖުވީދު ޢިލްމާއި ކީރިތި ޤުރުއާން އިގިރޭސި ބަހުން ކިޔަވައިދިނުމަށް ބާރުއަޅާތަނެވެ.
އޭރުން ދިވެހިބަސް ކިޔަވައިދިނުން ވެގެން ދާނީ އިޚްތިޔާރީ މާއްދާ އަކަށެވެ. މުޅި ތަޢުލީމީ ނިޒާމުން ދިވެހި ބަސް އުވި ދާނެއެވެ. ޤައުމެއްގައި އެޤައުމެއްގެ ބަސް އުވިގެން ދިއުމަކީ އެބައެއްގެ ޘަޤާފަތް އުވިގެން ދިއުމެވެ. އެބައެއްގެ ޘަޤާފަތް އުވިގެން ދިއުމަކީ އެބައެއްގެ ދީން އުވިގެން ދިއުމެވެ.
ފުރާންސްގެ އިސްތިޢުމާރީ ވެރިކަމުގައި މަޣްރިބު ކަރައިގެ ޤައުމުތަކަށް ވެގެން ދިޔަގޮތުގެ ނަމޫނާއަކީ މިއެވެ.
މިކަން ފެށިއްޖެނަމަ ދިވެހި އެތައް ދަރިންނެއްގެ ވަޒީފާ ގެއްލިގެން ދާނެއެވެ. ރާއްޖޭން ބޭރު މީހުންނަށް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ހުޅުވާލެވޭ ދޮރަކަށް ވެގެން ދާނެއެވެ ސުންނީ ޖަމާޢަތް ފިޔަވާ އެހެން ޖަމާޢަތް ތަކުގެ މީހުން ރާއްޖޭގައި އެމީހުންގެ ދީނާއި، މަޒުހަބު ކިޔަވައިދިނުމަށް ފަހިވެގެންދާނެއެވެ. ޚުރާފާތްތަކާއި ބިދުޢަތައް ގިނަވެ މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ދީނުގެ ނަމުގައި ޢަޤީދާ ގެ ނަމުގައި ތަޅާފޮޅައި ޤައުމު ނިކަމެތި ވެދާނެއެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނާއި ސޫދާނާއި ފަލަސްޠީން ގެ ބިމުގައި ޔަހޫދީން ހިންގާފަދަ ނަސްލީ ފިތުނަވެރިކަމެއްގެ ތެރޭގައި މި އިސްލާމީ ޤައުމު ގެ މިނިވަންކަމާއި ވެރިކަމުގެ ސިޔާދަތު ގެއްލިދާނެއެވެ.
ނަތީޖާ އަކަށްވާނީ، ދިވެހި މުޖްތަމުޢުގައި އޮތް ހަމަޖެހުން ނެތިގެން ދިޔުމެވެ. ސިޔާސީ ޙީލަތްތެރިން ދަނޑިވަޅު ބަލައި ފައިދާނެގުމެވެ. މަޒުހަބީ ކޯޅުމަކަށް މިކުޑަ މުޖުތަމަޢު ވެގެން ދިއުމެވެ. ދީނުގެ ނަމުގައި މީހުންގެ ފުރާނަ ދުއްވާލާ ހިސާބަށް ކަންކަން ދިއުމެވެ. ތަފާތު މަޒުހަބުތަކާއި، ދީންތައް އޮންނަ ޤައުމުތަކުގައި ފެންނަމުންދާ މަންޒަރު ތަކަކީ މިއީއެވެ.
ދިވެހި ޤައުމާއި އިސްލާމްދީނާއި ޘަޤާފަތާ، އާދަކާދަ ޙިމާޔަތް ކުރުމުގައި އަޅުގަޑުމެންގެ ކާބަފައިން ވަނީ ވަރަށް ގިނަ މަސައްކަތް ތަކެއް ކޮށް ޤުރުބާނީތަކެއް ވެފައެވެ. ހުޅަނގުގެ ޑިމޮކްރަސީ ރާއްޖެއަށް ތަޢާރަފް ވުމާއި ހަމައަށް އަޅުގަނޑުމެންގެ ޤައުމަށް ލިބިފައި އޮތް އެއްބައިވަންތަ ކަމުގެ އަސްލަކީ، ކާބަފައިންގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ.
ދިވެހި ބަހާ ޘަޤާފަތް ޙިމާޔަތް ކުރުމަށް ވަނީ ޤާނޫނެއް ހެދިފައެވެ. ހެދިފައިވާ ޤާނޫނު ތަކާއި ޚިލާފަށް މަސައްކަތް ކުރުމަކީ ޤައުމުގެ މުސްތަޤުބަލު އަނދިރި ކޮށްލުމެވެ. ދިވެހި ޘަޤާފަތް ނެތިކޮށްލުމަށް ޓަކައި އެޅިގެން ދިޔަ ބިންގަލަކަށް އަޅުގަޑުމެން މަރުޙަބާ ކިޔަންވީ ހެއްޔެވެ؟ ދިވެހި ޘަޤާފަތާ ތާރީޚް ޙިމާޔަތް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ހަނު ތިބެފިނަމަ އެކަން ވަނީ މިޤައުމުން ދިވެހި ވަންތަކަން ނައްތާލުމަށް ދެވޭ ހިތްވަރަކަށެވެ. މިޤައުމުގައި ދިވެހިބަހުން "އިސްލާމް" މި މާއްދާ ކިޔަވައިދޭތާ 100 އަހަރަށް ވުރެ ގިނަދުވަސް ވީއެވެ. މިކަމުން ކިޔަވާ ކުދިންނަށް ނުވަތަ ޤައުމަށް ލިބުނު ގެއްލުމަކީ ކޮބައިތޯއެވެ؟
ތިމާ އުފަން ބިން ދެކެ ލޯބިވުމަކީ ތިމާގެ ހިތުގައި އިސްލާމްދީނަށް ލޯބި އޮތްކަމުގެ ޙަޤީޤަތެކެވެ. ތިމާގެ ހިތުގައި އިސްލާމްދީނަށް ލޯބި ނެތް މީހަކު، ތިމާ އުފަން ބިން ދެކެ ލޯބި ވުމަކީ ނާދިރު ކަމެވެ.
އަޅުގަނޑުގެ އެދުމަކީ ދުނިޔެވީ އެދުންތަކަށް ޤައުމު ނިކަމެތި ނުކޮށް ކޮންމެ މީހަކީ ތެދުވެރި، ވަފާތެރި މީހަކަށް ވުމެވެ. ކާބަފައިންގެ ތެރެއިން ތެދުވެރިންގެ މަގު އިޚްތިޔާރު ކުރުމެވެ.
ޤައުމުގެ ޒިންމާތަކާ ހަވާލުވާ ކޮންމެ ވެރިޔަކީ އަދުގެ ތުއްތު ކުދިންގެ މުސްތަޤުބަލާ ދޭތެރޭ ވިސްނާނެ މީހަކަށް ވުމެވެ. ފުރިހަމަ ގޮތުގައި ޤައުމު ބިނާ ކުރެވޭނީ ކޮންމެ ދިވެއްސަކީ ރަނގަޅަށް ދިވެހި ތާރީޚާ ޘަޤާފަތް ދަންނަ މީހަކަށް ވެގެންނެވެ.
ޢަރަބި ހަރުބަހެއްގެ މާނާގައިވަނީ "އެބަޔަކަށް އެބައެއްގެ ތާރީޚް ނޭގޭނެ ނަމަ އެބަޔަކަށް އެބައެއްގެ މުސްތަގުބަލް ބިނާކުރާކަށް ނޭނގޭނެއެވެ.






