އީރާނާއި ދެކޮޅަށް ދިގު ހަނގުރާމައެއް ކުރުމުގެ ޤާބިލްކަން އިސްރާއީލުގައި ނެތް ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕަސްއާ ގުޅުން ހުރި އީރާނުގެ ދުވަހު ނޫހަކުން ބުނެފިއެވެ.
"އިސްރާއީލުގައި ވަރުގަދަ ހަނގުރާމައެއް ނުވަތަ އީރާން ފަދަ ބޮޑު ބާރަކާއި ކުރިމަތިލުމުގެ ޤާބިލްކަން ނެތް..” އިރާން ކޯޕްސް އާއި ގުޅުން ހުރި މަސްދަރުން ބުންޏެވެ.
މި އަހަރުގެ ޖޫން މަހު އީރާނާއި އިސްރާއީލާއި ދެމެދު ކުރިޔަށް ދިޔަ 12 ދުވަހުގެ ހަނގުރާމައަކީ ކުރު ނަމަވެސް ވަރުގަދަ ހަމަނުޖެހުމެކެވެ. އެކަން ފެށުނީ އީރާނުގެ އަސްކަރީ އަދި ނިއުކްލިއާ ފެސިލިޓީތަކަށް އިސްރާއީލުން ޙަމަލާ ދިނުމާއި ގުޅިގެންނެވެ.
މި ހަނގުރާމައަށް އެމެެރިކާ ވެސް ވަނެވެ. އެ މީހުން މީގައި ޝާމިލްވީ ހަނގުރާމައިގެ މެދުތެރޭގައެވެ. އީރާނަށް އެންމެ ބޮޑު ގެއްލުމެއް ދިނީ އެމެެރިކާއިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ، ޖޫން22 ވަނަ ދުވަހު އެމެރިކާގެ ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިން ކޯޑިނޭޓްކޮށް އީރާނުގެ ނިއުކްލިއާ ތިން ފެސިލިޓީއަކަށް ދިން ޙަމަލާތަކެވެ. އެއީ ނަޓަންޒް، ފޯޑޯ އަދި އިސްފަހާނަށް ބީ-2 ބޮން އަޅާ މަތިންދާބޯޓުތަކާއި ސަބްމެރީނުން ފޮނުވައިލި މިސައިލްތަކުން ދިން ގެއްލުންތަކެވެ.
ޖަވާބުގައި އީރާނުގެ ސިފައިން ވަނީ ޤަޠަރުގައި ހުންނަ އަލް އުދައިދު އެއާ ބޭސްގައި ހުންނަ އެމެރިކާގެ ބާރުތަކަށް ޙަމަލާދީ މުޅި ދުނިޔެ ސިއްސުވާލާފައެވެ.
އެއާއި އެކު އެމެރިކާ އަށް މަޖުބޫރުވީ އީރާނާއި ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ވަގުތުން ހުއްޓައިލުމަށެވެ.
އީރާނުން މިހާރު ވަނީ އެ ޤައުމުގެ އަސްކަރިއްޔާ ބޮޑުތަނުން ތަރައްޤީ ކޮށްފައެވެ. ޗައިނާއިން އެންމެ ފަހުގެ ބޮން އަޅާ ބޯޓާއި މިސައިލް ޑިފެންސް ސިސްޓަމްތައް ވެސް ހޯދައިފި ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އީރާނުން ބުނީ އިސްރާއީލުން ދެން ތެހެރާނަށް ޙަމަލާއެއް ދީފި ނަމަ ރައްދުގައި ކުރާ ހަނގުރާމަ މާ ނުރައްކާތެރިވާނެ ކަމަށެވެ.









