
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަޖީބު ރައްޒާޤް
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު، ޢުމުރުފުޅުން 72 އަހަރުގެ ނަޖީބު ރައްޒާޤު އާއި ދެކޮޅަށް ދަޢުވާކުރާ ބިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ މައްސަލަ އާއި ގުޅިފައިވާ އޭނާގެ ދެވަނަ ކޭސް ވެސް ސާބިތުވާ ކަމަށް ކުއަލަލަމްޕޫރު ހައިކޯޓުން ޙުކުމް ކޮށްފިއެވެ. މަޤާމުގެ ނާޖާއިޒް ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އޭނާ ހިންގާފައިވާ ކަމަށް ބުނެ ދަޢުވާކުރި މި މައްސަލައިގައި ހިމެނެނީ 539 މިލިއަން ޑޮލަރުގެ ޚިޔާނާތެކެވެ.
މެލޭޝިޔާގެ ތާރީޚުގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ 1މެލޭޝިޔާ ޑެވެލޮޕުމެންޓު ބަރުހާދު، 1އެމުޑީބީގެ މައްސަލާގައި ނަޖީބުގެ މައްޗަށްވަނީ މީގެ ކުރިން 12 އަހަރުގެ ޖަލު ޙުކުމަކާއި 50 މިލިޔަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ވެސް ކޮށްފައެވެ.
އެމެރިކާގެ ރަސްމީ ވުޒާރާތަކާއި ސުވިޒަލެންޑާއި ގުޅިގެން މެލޭޝިޔާގެ ސަރުކާރުން ހިންގާފައިވާ ތަޙްޤީޤުތަކުން ދައްކާ ގޮތުގައި 4.5 ބިލިޔަން އެމެރިކާ ޑޮލަރަށް ނަޖީބުވަނީ ޚިޔާނާތްތެރިވެވަޑައިގެންފައެވެ. އޭގެ ތެރެއިން 1 ބިލިޔަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ނަޖީބުގެ އަމިއްލަފުޅު ބޭންކް އެކައުންޓުތަކަށެވެ.






