ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރުގައި ދެމުންދާ ޙަމަލާތަކުގެ ސަބަބުން ކެމްބޯޑިއާގެ 500,000 އަށް ވުރެ ގިނަ ރައްޔިތުން ގެދޮރު ދޫކޮށް ފިލައިފި ކަމަށް އެ ޤައުމުގެ މަސްދަރުތަކުން ބުނެފިއެވެ.
ތައިލެންޑުގެ ސިފައިން ދަނީ ދެ ޤައުމު ގުޅޭ ސަރަޙައްދަށް ރޮކެޓް ޙަމަލާތައް ވެސް ދެމުންނެވެ. ދެޤައުމުގެ ސިފައިން ދެމުންދާ ޙަމަލާތަކުގެ ސަބަބުން މަދުވެގެން 41 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، އޭގެތެރޭގައި ކެމްބޯޑިއާގައި 19 މީހުން އަދި ތައިލެންޑުގައި 22 މީހުން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ޢާންމުންނާއި ސިފައިން ވެސް ހިމެނެއެވެ.
މި ދެ ޤައުމަކީ ވެސް ބޯޑަރު މައްސަލަތަކުގެ ސަބަބުން ޒަމާނުއްސުރެ ކޯޅުން ބޮޑު ދެޤައުމެވެ.
މައްސަލަ ހައްލު ކުރުމަށްޓަކައި މިއަދު މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބައްދަލުވުމެއް ބާއްވާފައި ވާއިރު، ތައިލެންޑާއި ކެމްބޯޑިއާގެ އަސްކަރީ އިސް ބޭފުޅުން މި މަހުގެ 24 ވަނަ ދުވަހު މެލޭޝިއާގައި ބައްދަލުކުރުމަށް ވެސް މިހާރު ވަނީ ހަމަޖެހިފައެވެ.






