ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް އާންމުންނާއި ވިޔަފާރިތަކަށް ބޭނުންކުރަން ފަސޭހަ ޕޭމަންޓް ހިދުމަތްތަކެއް، މިހާރަށްވުރެ ހަލުވިކޮށް ތައާރަފް ކުރެވޭނެ ފަދަ އިންފްރާސްޓްރަކްޗާއެއް ގާއިމް ކުރުމުގެ މަގުސަދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" (ޕޭމަންޓް މޯލްޑިވްސް) ގެ ނަމުގައި ކުންފުންޏެއް އުފައްދައިފި އެވެ.
މިކުންފުނި ރަސްމީކޮށް މިއަދު އިފްތިތާހްކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ. މި ކުންފުނި ވެގެންދާނީ ދިވެހިރާއްޖޭގައި ހިންގާ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ހަރުދަނާ ގޮތެއްގައި ހިންގުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އައު އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކުރުމަށް މަގުފަހިކޮށްދޭ ކުންފުންޏަކަށް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އަދި ރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކުރުމަށްޓަކައި އިގްތިސާދުގައި ހަރަކާތްތެރިވާ އެކި ސެގްމަންޓްތަކަށް ބޭނުންވާ ޕޭމަންޓް ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އެ މަސައްކަތްތައް ވިލަރެސްކުރާ މައިގަނޑު މުއައްސަސާ ކަމަށް އެމްއެމްއޭ އިން ފާހަގަކުރެ އެވެ.
އެމްއެމްއޭއިން ހާމަކުރާގޮތުގައި ޕޭމަންޓް މޯލްޑިވްސް ވެގެން ދާނީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ މަސްއޫލިއްޔަތާއި ވަކިކުރެވި، ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ވަކި މެނޭޖްމަންޓެއްގެ ދަށުން ކުރިއެރުވުމުގެ ޒިންމާ މަތިކުރެވިފައިވާ ކުންފުންޏަކަށެވެ.
ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން މުޅި ޕޭމަންޓް އިންފްރާސްޓްރަކްޗަރގެ ތަރައްގީގެ މަސައްކަތްތަކުގެ ދުވެލި އަވަސްވެގެންދާނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. އޭގެއިތުރުން، މާލީ ހިދުމަތްދޭ ފަރާތްތަކުގެ ބައިވެރިވުމާއެކު މިފަދަ މަޝްރޫއުތައް ހިންގުމުން، އައު އީޖާދީ ހިދުމަތްތައް ތައާރަފްކުރުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި އެ ފަރާތްތަކުގެ އެއްބާރުލުން ލިބުމުގައި ފަސޭހަ ވެގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ހާމަކުރެ އެވެ.
އެގޮތުން ކުންފުނީގެ މަސައްކަތް ފެށިގެންދާއިރު ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ގެ ހިންގުން ޕޭމަންޓް މޯލްޑިވްސްގެ ދަށަށް ބަދަލުކުރެވިގެންދާއިރު، ޕޭމަންޓް ސިސްޓަމް ތަރައްގީ ކުރުމުގެ ގޮތުން މިހާރުވެސް ފެށިގެން ކުރިޔަށްދާ މުހިއްމު މަޝްރޫއުތައް ކަމުގައިވާ ފަވަރަ އާއި އިންޑިޔާގެ ޔޫޕީއައި އާއި ގުޅާލާ ކްރޮސް ބޯޑަރ އިންޓަގްރޭޝަން ގާއިމްކުރުމުގެ މަޝްރޫއުގެ އިތުރުން، ޕޭއެމްވީ ކިއުއާރު ކޯޑު ތަންފީޒު ކުރުމުގެ މަސައްކަތްވެސް ދެން ކުރިޔަށް ގެންދާނީ ޕޭމަންޓް މޯލްޑިވްސް އިން އެވެ.
ޕޭމަންޓް މޯލްޑިވްސް އަކީ އެމްއެމްއޭގެ އިސްނެގުމާއެކު، އެ ފަރާތުގެ 60 އިންސައްތަ ހިއްސާ ހިމެނޭހެން އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވީ ނަމަވެސް އެކުންފުނި ހިންގުމަށް ނިންމާފައިވަނީ ވަކި މެނޭޖްމަންޓެއްގެ ދަށުންނެވެ. އޭގެ ސަބަބައްކަމަށް އެމްއެމްއޭއިން ހާމަކުރަނީ، ދުނިޔޭގެ ޕޭމަންޓް ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތަކުގެ ދިރާސާތައްކޮށް އެއާ ގުޅޭ މަޝްރޫއުތަކުގެ ކަންކަން އެ ކަމަށް ހާއްސަވެގެން ތިބޭ މުވައްޒަފުންނާއިއެކު ކުރިޔަށްގެންދިއުމެވެ. އެގޮތުން އިނޮވޭޝަނާއި، ޕްރޮޑްކަޓް ޑިވެލޮޕްކުރުމާއި، އިންފޮމޭޝަން ޓެކްނޮލޮޖީ އިތުރުންވެސް ކަމާގުޅޭ ދާއިރާތަކުގެ ފަންނީ ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނާއިއެކު ޕޭމަންޓު މޯލްޑިވްސް ހިންގުމުގެ ސަބަބުން، އައު އީޖާދީ ހިދުމަތްތައް ކަސްޓަމަރުންނާއި ހަމަޔަށް ތައާރަފް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސް ދުވެއްޔެއްގައި ގެންދިޔުމުގެ އިތުރަށް، މިހާރު އޮޕަރޭޓް ކުރަމުންދާ ސިސްޓަމުތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ދެކެ އެވެ.
ވަކި މެނޭޖްމަންޓެއްގެ ދަށުން ހިންގަމުން ގެންދިޔަ ނަމަވެސް، ގައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ މައިގަނޑު މަގްސަދު ކަމުގައިވާ ރައްކާތެރި އަދި ހަރުދަނާ ޕޭމަންޓް ސިސްޓަމްގެ ނިޒާމެއް ޤާއިމުކުރުމާއި ދިވެހިރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދު ހާސިލުވާކަން ކަށަވަރު ކުރުމުގެ ގޮތުން ހިއްސާގެ އިންސައްތައެއް މަރުކަޒީ ބޭންކުގައި ބޭއްވުމަށް ވަނީ ރާވާފައިވާކަމަށް އެމްއެމްއޭއިން ހާމަކުރެ އެވެ.






