އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން އީރާން އިނދަޖައްސާލުމަށްޓަކައި މިހާރު ވެސް 12300 ދަތިކުރުމުގެ ފިޔަވަޅު ތަންފީޛް ކުރަމުން ދަނިކޮށް ވެސް އީރާނުގެ ތެޔޮ އުފައްދާ މިންވަރު އަހަރުން އަހަރަށް އިތުރުވެ އެމެރިކާގެ ބައިވެރިން މާޔޫސް ވެއްޖެއެވެ.
އޯޕެކްގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހަރު އީރާނުން ދުވާލަކު 2.884 މިލިއަން ފީފާ ތެޔޮ އުފެއްދިއިރު ނިމިދިޔަ އަހަރު އީރާނުން ވަނީ ދުވާލަކު ގާތްގަނޑަކަށް 3.257 މިލިއަން ފީފާ އަށް އިތުރުކޮށް އަދި މި އަހަރު އެ ޢަދަދު ދުވާލަކަށް 3.5 މިލިއަން ފީފާ އަށް އިތުރު ކޮށްފައެވެ.
އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން އީރާނުގެ ތެޔޮ ނުގަނަންއިރު އެ މީހުން ދަނީ އެހެން ޤައުމުތަކަށް ވެސް އީރާނުގެ ތެޔޮ ނުގަތުމަށް ބާރު އަޅަމުންނެވެ.
އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ޤައުމަކީ ޗައިނާއެވެ. އީރާނުގެ އެކްސްޕޯޓްގެ ގާތްގަނޑަކަށް 87–90 އިންސައްތަ ޗައިނާ ހިއްސާ ކުރާއިރު. ޔޫއޭއީ، ސިންގަޕޫރު، އަދި މެލޭޝިއާ ފަދަ ޤައުމުތަކުން އީރާނުގެ ތެޔޮ ސަޕްލައި ކުރުމުގައި އެހީތެރިވެއެވެ.
އީރާނުގެ އުފެއްދުންތައް ހުއްޓުވުމަށް އެމެރިކާ އާއި ހުޅަނގުގެ ބޭންކުތަކުން ފިއްތައި، އެ ޤައުމުތަކުގެ ސަރުކާރުތަކުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ކަމުގައި ވިޔަސް އެކި ގޮތްގޮތުން އީރާނުން ގެންދަނީ މަގުތައް ހޯދައި ތެޔޮ ސަޕްލައި ކޮށް އިޤްތިޞާދު ކޮޅަށް ޖަހަމުންނެވެ.









