މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގެ ދައުވާތަކެއް އުފުލާފައިވާ ހުސައިން ޝިފާއުގެ މައްޗަށް 109 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ. މިއީ ރާއްޖޭގައި ޖިނާއީ މައްސަލައެއްގައި މީހެއްގެ މައްޗަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ.
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި ޝިފާއު ހައްޔަރުުކުރީ 2023 ވަނަ އަހަރުުއެވެ. އެ މައްސަލައިގައި ޝިފާއުގެ މައްޗަށް ވަނީ ޖުމުލަ 23 ދައުވާއެއް ކޮށްފައިވެ އެވެ. އެގޮތުން ޝިފާއުގެ މައްޗަށް ވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާ އަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ ހަތް ދައުވާއެއް އުފުލާފަ އެވެ.
މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ އެއީ 1،909،682 ރުފިޔާ އެވެ.
ޝިފާއުގެ މައްޗަށް ހުކުމް ކުރުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޭނާގެ މައްޗަށް ވަނީ 109 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ވަނީ ހުކުމް ކޮށްފަ އެވެ.
109 އަހަރުގެ ޖަލު ހުކުމެއް ޝިފާއުގެ މައްޗަށް އިއްވާފައިވަނީ:
- މަނީ ލޯންޑްރިންގެ ކުށުގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމެއް
- މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާތަކުގައި 30 އަހަރުގެ ޖަލު ހުކުމެއް
- އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތަކުގައި 9 އަހަރުގެ ޖަލު ހުކުމެއް
މީގެއިތުރުން އޮޅުވާލައިގެން ހޯދި މުދަލަށްވާ ފައިސާ ހަ މަސް ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށްވެސް ޝިފާއުގެ މައްޗަށް ހުކުމްކޮށްފައިވެ އެވެ.
ޝިފާއު މި މައްސަލައިގައި 28 އޭޕްރީލް 2023 ގައި ހައްޔަރުކުރުމަށްފަހު، 27 މޭ 2023 ގައި ކޯޓުން ދޫކޮށްލުމާ ގުޅިގެން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވެ އެވެ. އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށްފަހު، 28 ސެޕްޓެމްބަރު 2023 ގައި އަނބުރާ ރާއްޖެ އައުމުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ދޫކޮށްލާފައިވެ އެވެ.





