ފަތުރުވެރިކަމުގެ ދާއިރާއިން މިއަހަރުގެ މިހާތަނަށް ލިބުނު ޓެކްސް އާމްދަނީގެ އަދަދު 9.9 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިިސްޓްރީން އެކުލަވާލާފައިވާ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފި އެވެ.
މި ރިޕޯޓިގައިވާ ގޮތުން ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ ރަނގަޅުވެ ޖުމްލަ އާމްދަނީ ބޮޑުތަނުން ރަނގަޅުވެ ސަބްސިޑީތަކާއި ޕީއެސްއައިޕީގެ ދަށުން ކުރިއަށްދާ ކެޕިޓަލް ހަރަދުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވަނީ ފާހަގަކުރެވިފަ އެވެ.
މިދިޔަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ޓެކްސްގެ ފައިސާގެ ގޮތުގައި ލިބިފައިވަނީ 8.7 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއަހަރު މި ލިބުނީ ނިމިދިޔަ އަހަރާ އަޅާ ބަލާއިރު 14.1 އިންސައްތަ އިތުރު އަދަދެކެވެ.
މިއަހަރުގެ ޖުމްލަ އާމްދަނީ ހިލޭ އެހީއާއެކު މިހާތަނަށް 36 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނު 32.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.5 އިންސައްތަ އިތުރު އަދަދެކެވެ. ޖުމްލަ ޓެކްސް އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ލިބިފައިވަނީ 26.9 ބިލިއަން ރުފިޔާ އެވެ. ނިމިދިޔަ އަހަރު އެ މުއްދަތުގައި ލިބިފައިވަނީ 24.7 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ހަރަދަށް ބަލާއިރު ވެސް މިވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ކުރިއެރުމެއް ހޯދާފަ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދު އުޅެނީ 37.5 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ހަރަދު އުޅެނީ 43.4 ބިލިއަން ރުފިޔާގަ އެވެ. ސަބްސިޑީތަކަށް މިހާތަނަށް 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިދިޔަ އަހަރު އެ މުއްދަތުގައި އުޅެނީ 3.6 ބިލިއަން ރުފިޔާގަ އެވެ.
އިގްތިސާދީ ހާލަތާއެކު ބޮޑެތި މަޝްރޫއުތައް މަޑުޖެހުމަށް ފަހު މިއަހަރު އަލުން ފަށާފައިވާތީ ޕީއެސްއައިޕީގެ ދަށުން ޖުމްލަ 7.3 ބިލިއަން ރުފިޔާ މިހާތަނަށް މިއަހަރު ހަރަދުކޮށްފައިވެ އެވެ. އެގޮތުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ސިއްހީ ދާއިރާ އަށާއި ދަތުރުފަތުރުގެ ދާއިރާ އަށެވެ.
ބަޖެޓުގެ އޯވަރޯލް ބެލެންސް ފާއިތުވި ހަފްތާގެ ނިޔަލަށް ހުރީ 1.9 ރުފިޔާ ޑެފިސިޓެއްގަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 10.8 ބިލިއަން ރުފިޔާގެ ޑެފިސިޓާއެކު 82.5 އިންސައްތައިގެ ދަށްވުމެކެވެ.






