އއ. އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ރަޝިޔާގެ ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އުކުޅަހު ކައުންސިލުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އެ މީހާއަކީ އެ ރަށުގައި ހުންނަ ގެސްޓް ހައުސްއެއް ކަމަށްވާ "ލަ ޕަލްމާ ސޫޓްސް"ގައި ހުރި މީހެއް ކަމަށާއި، އޭނާ ފުރަން ހަމަޖެހިފައިވަނީ މިއަދު ކަމަށެވެ. ނަމަވެސް އޭނާގެ އެއްވެސް ހަބަރެއް ވެފައިނުވާ ކަމަށް އުކުޅަހު ކައުންސިލުން ކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފަ އެވެ.
އުކުޅަހު ކައުންސިލުން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާގެ ފޯނާއި އެހެނިހެން ބައެއް ތަކެތި އޭނާގެ ކޮޓަރީގައި ހުރި ކަމަށްވެސް ބުންޏެވެ.
ގެއްލިގެން ހޯދާ ފަތުރުވެރިޔާގެ ފޮޓޯ ހާމަކޮށްފައިވީ ނަމަވެސް އޭނާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އުކުޅަހު ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.
އެ މީހާގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާކަން ފާހަގަކޮށް، އުކުޅަހު ކައުންސިލުން ބުނީ މި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކަށް މިހާރު އަންގާފައިވާކަމަށެވެ.
އެ މީހާ ގުޅޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ "ލަ ޕަލްމާ ސޫޓްސް"ގެ ނަންބަރު 9646363 އަށް ނުވަތަ އުކުޅަހު ޕޮލިހުގެ ނަމްބަރު 9553510 އަށް ގުޅައި އޭނާއާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް އުކުޅަހު ކައުންސިލުން ވަނީ އެދިފަ އެވެ.










