ފަހި ދިރިއުޅުން ފްލެޓުތަކުގެ ޑައުންޕޭމަންޓާއި ކުއްޔަށް ލުއި ގޮތެއް ހަދައި ދޭނަން: ރައީސް

މުހައްމަދު ޖަމްޝަތު | 28 ދުވަސް ކުރިން - 17 ޑިސެންބަރު 2025 13:50
ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރަމުންދާ ފަހިދިރިއުޅުން ޓަވަރުތަކެއް---ފޮޓޯ:ޚުލާސާ
ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރަމުންދާ ފަހިދިރިއުޅުން ޓަވަރުތަކެއް---ފޮޓޯ:ޚުލާސާ
ޚުލާސާ

ރައީސް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކޮށް ނިންމައި މިމަހުގެ ތެރޭގައި އެތަންތަނަށް ވަދެވޭވަރުވާނެކަމަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4،000 ހައުސިން ޔުނިޓް ލިބުނު ފަރާތްތަކުން ޑައުންޕޭމަންޓަށް ދައްކަން ޖެހޭ ފައިސާ އާއި ކުއްޔަށް ލުއި ގޮތެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ފްލެޓްގެ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ރައީސް މުއިއްޒު ވިދާޅުވީ 4000 ފްލެޓް ދިނުމުގައި ސަރުކާރުން އެއްވެސް މީހަކަށް ލިބިފައިވާ ޕޮއިންޓެއް ބަދަލުކޮށްފައި ނުވާނެކަމަށެވެ. ފްލެޓް ދީފައިވަނީ މިދިިޔަ ސަރުކާރުން ފްލެޓް ދިނުމަށް ނިންމި މީހުންނަށް އެއްވެސް ބަދަލެއް ނުގެނެސް ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

4،000 ފްލެޓްގެ މަސައްކަތްތައް ނިމުމާގާތްވެފައިވާކަމަށާއި އެގޮތުން ފްލެޓްތަކަށް ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކޮށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިމަހުގެ ތެރޭގައި އެތަންތަނަށް ވަދެވޭވަރުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ފްލެޓްގެ ކުއްޔާ ގުޅޭގޮތުންނާއި ބޯހިޔާވަހިކަމުގެ އެކި މައްސަލަތަކުގެ ކަންބޮޑުވުންތައް ގަލޮޅުގެ ރައްޔިތުންވެސް ވަނީ ފާލުކޮށްފައެވެ. އެގޮތުން ޖަލްސާގައި ބައިވެރިވި މީހަކު ވަނީ ޑައުންޕޭމަންޓް 25،000 ރުފިޔާއަކީ ބައެއް ފަރާތްތަކަށް ވަރަށް ބޮޑު އަދަދެއްކަން ފާހަގަކޮށް އެ އަދަދަށް ކޮންމެވެސް ކަހަލަ ބަދަލެއް ގެނެސްދިނުމަށް އެދިފައެވެ.

ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މިހާރު ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ 25،000 ރުފިޔާއާއި ދައްކަންޖެހޭ މަހު ކުއްޔަށް ގެނެވޭނެ އެންމެ ރަނގަޅު ހައްލެއް ގެނެސްދެއްވާނެކަމަށެވެ. އަދި ޑައުންޕޭމަންޓުގެ ކަމަކީ ވަރަށް ސީރިއަސްކޮށް، ބަލައިދޭނެ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ތިކަމަށް ގެނެވޭނެ ހައްލަކީ، މިދެންނެވީ މި 4000 ފްލެޓުގެ މި ޑައުންޕޭމަންޓް 25،000 ރުފިޔާގެ ކަންތަކުގެ ތި ވިދާޅުވާ ކަންތައް، އެ އުނިކޮށްލުން ނޫނީ އެއަށް ކޮން ކަހަލަ ބަދަލެއްތޯ އަދި މަހުން މަހަށް ދައްކަން ޖެހޭ ވަރު، އެއަށް ކޮން ކަހަލަ ބަދަލެއްތޯ ގެނެވޭނީ އަޅުގަނޑު ގޮއްސަ ބަލާނަން، ބަލާފަ މި އިޝޫގަ ގެނެވެން އޮތް އެންމެ ރަނގަޅު ބަދަލެއް، ތިކަންބޮޑުވުންތަކަށް އެޑްރެސް ކުރުމަށްޓަކައި ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ކަނޑައަޅާފައި އޮތީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000 ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ. އަދި ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ގަވާއިދުން ކުލި ދައްކާނަމަ 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%