ސަރުކާރުގެ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް އައްޔަންކުރާ އިންފޮމޭޝަން އޮފިސަރުން އައްޔަންކުރާއިރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަހުލުވެރި މީހުން އައްޔަން ކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީ.ސީ.ބީ) އިން އަންގައިފި އެވެ. މިއީ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މައުލޫމާތު ފެތުރުމުގައި އިތުރަށް ހަރުދަނާކޮށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރުމަށް ޕީސީބީ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނިތަކަށް އެންގި އެންގުމެކެވެ.
ޕީސީބީގެ ރައީސް މުހައްމަދު އަނަސް ސޮއިކުރައްވާ ނެރުނު ސާކިއުލާގައި ވާގޮތުން ަރުކާރުގެ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން، ސަބްސިޑިއަރީ ކުންފުނިތައްވެސް ހިމެނޭގޮތަށް ކުންފުނީގެ ފަރާތުން އާއްމުންނާއި މީޑިއާ ތަކަށް މައުލޫމާތު ދިނުމާއި، ކުންފުންޏާއި ގުޅޭ މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، މައުލޫމާތި ދިނުމުގެ ކަންކަން ބެލެހެއްޓުމަށް އިންފޮމޭޝަން އޮފިސަރު އައްޔަންކުރަން ވަނީ އަންގާފަ އެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ ކުންފުނިތަކުގައި މިހާރުވެސް އިންފޯމޭޝަން އޮފިސަރުންގެ ޒިންމާއަދާކުރާ ފަރާތްތަކާއި އަދި އަލަށް ޢައްޔަންކުރާ އިންފޮމޭޝަން އޮފިސަރުންނަކީ ޤާނޫނީ ދާއިރާގެ ތަޖުރިބާ ހުރި ނުވަތަ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ގާނޫނު "އާރުޓީއައި" އަދި އެ ގާނޫނާއި ގުޅޭ އެންމެހާ އުސޫލުތައް ރަނގަޅަށް ދަންނަ ފަރާތަކަށްވުން މުހިއްމު ކަމަށެވެ. އަދި ޢައްޔަނުކުރާ އިންފޮމޭޝަން އޮފިސަރުންނަށް ވަކި ސްޓާފް އީމެއިލް އެޑްރެހެއްގެ ބަދަލުގައި، އާންމު އެއް އީމެއިލް އެޑްރެހެއް ކަނޑައެޅުމަށްވެސް އެދޭ ކަމަށް އެ ސާކިއުލާގައިވެ އެވެ.
ކުންފުނީގެ މުވައްޒަފުން ބަދަލުވާ ހާލަތުގައި ވެސް ކުންފުންޏަށް ހުށަހެޅޭ ހުރިހާ އާރުޓީއައި ރިކުއެސްޓުތަކާއި ގުޅޭ މައުލޫމާތުތައް ފަސޭހައިން ފެންނަން ހުންނާނެ އިންތިޒާމު ހަމަޖެއްސުމަށް ޕީސީބީ އިން ވަނީ އެދިފަ އެވެ. އަދި މީގެ އިތުރުން އިންފޮމޭޝަން އޮފިސަރުގެ މައުލޫމާތު (ނަން، ގުޅޭނެ ނަންބަރު، އާރުޓީއައި ރިކުއެސްޓް ފޮނުވާނެ މެއިލް އެޑްރެސް) އާންމުންނަށް ފެންނާނެ ގޮތަކަށް ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރެވިފައި ހުންނަން ވާނެ ކަމަށް ޕީސީބީ އިން އިލްތިމާސްކުރެ އެވެ.
އަދި އިންފޮމޭޝަން އޮފިސަރު ކަނޑައަޅަން ވާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށްވެސް ވަނީ ބުނެފަ އެވެ.
ޕީސީބީގެ ބޯޑުން އެންގުންތަކަށް ކުންފުނިތަކުން ޢަމަލުކުރުމަކީ، ގާނޫނުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލާޒިމު ކަމެކެވެ.





