ރަޝިޔާ އާއި ބެލަރޫސްގެ އެތުލީޓުންނަށް ދުނިޔޭގެ ކުޅިވަރު މައިދާނުގައި އެމީހުންގެ ޤައުމު ރަމްޒު ކޮށްދީ ޤައުމީ ދިދަ އާއި ޤައުމީ ލަވަ ކިޔުމުގެ ފުރުޞަތު އަލުން ދިނުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ލަފާ ދީފިއެވެ.
އެމެރިކާ އާއި ނޭޓޯ މެދުވެރިވެގެން ޔުކްރޭނުގެ ބިމުގައި ރަޝިޔާ “ފުނޑައިލުމަށް” އުޅޭ ކަން ރަޝިޔާގެ އިންޓެލިޖެންސަށް އެނގިގެން އެ ޤައުމުން ޔުކްރޭނަށް އަރައިގަތީ 2022 ވަނަ އަހަރުގައެވެ. އެއާއި އެކު ރަޝިޔާގެ އެތުލީޓުންނަށް ހުޅަނގުގެ ނުފޫޒު އޮންނަ ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކުން ރަޝިޔާ އާއި ރަޝިޔާގެ އެކުވެރި ބެލަރޫސްގެ އެތުލީޓުންނަށް އެ މީހުންގެ ޤައުމުގެ ނަމުގައި ވާދަކުރުން މަނާކުރިއެވެ.
އައިއޯސީގެ އެގްޒެކެޓިވް ބޯޑުން މިހާރު ލަފާދީފައި ވަނީ ރަޝިޔާ ނުވަތަ ބެލަރޫސްގެ ޕާސްޕޯޓް ގެންގުޅޭ ޒުވާން އެތުލީޓުންނަށް "އިންޑިވިޖުއަލް އަދި ޓީމް ކުޅިވަރުތަކުގައި ބައިނަލްއަޤްވާމީ ޒުވާނުންގެ މުބާރާތްތަކަށް ވަދެވޭނެ ގޮތް ދެން ހަނިކޮށްގެން ނުވާނެ" ކަމަށެވެ.
އައިއޯސީގެ ބަޔާނުގައި ވާ ގޮތުގައި "ޒުވާނުންގެ މުބާރާތްތައް" ކަނޑައެޅުމާއި، ތަންފީޛުކުރުމުގެ ސީދާ ތަފްޞީލު ބިނާވެގެންދާނީ އިންޓަނޭޝަނަލް ފެޑެރޭޝަން (އައިއެފް)ގެ ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މައްޗަށެވެ.
އެހެންކަމުން، ކޮންމެ ފެޑެރޭޝަނަކުން ވެސް ދެން ޖެހޭނީ އައިއޯސީގެ ލަފާ މުރާޖަޢާ ކުރާށެވެ.
އައިއޯސީން ބުނީ މިކަންކަން ކުރުމަށް ވަގުތު ނަގާފާނެ ކަމަށާއި، ސަބަބަކީ “ގްލޯބަލް ސްޕޯޓްސް ބޮޑީސް” އިން ތަންފީޛް ކުރަން ފެށުމުގެ ކުރިން ޤަވާޢިދުތަކާއި އިވެންޓްތަކާއި އުމުރުފުރާތައް ކޯޑިނޭޓް ކުރަން ޖެހޭ ކަމަށެވެ.
މި ފިޔަވަޅު އަޅާފައި ވަނީ ރަޝިޔާގެ ސީނިއާ އެތުލީޓުންނަށް ކުރިޔަށް އޮތް ފީފާ ވޯލްޑް ކަޕާއި ބައިނަލްއަޤްވާމީ އިވެންޓްތަކުގައި ވެސް ޤައުމީ ދިދަ ދެއްކުމާއި ޤައުމީ ލަވަ ކިޔުން ވެސް މަނާ ކޮށްފައި ވަނިކޮށެވެ.






