އެމެރިކާގައި ޖޫން 11 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް “ޖީ” ގެ އީރާނާއި މިޞްރު ބައްދަލުކުރާ މެޗުގެ ތީމް އަކީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ތީމެއްގެ ގޮތަށް އެމެރިކާ އިން އިންތިޒާމް ކޮށްފައި ވާތީވެ، އެކަމާއި މެދު ހިތްހަމަ ނުޖެހިގެން އީރާނާއި މިޞްރުން ފީފާ އަށް މައްސަލަ ހުށަހަޅައި އެލްޖީބީޓީކިއު+ ތީމް ބޮއިކޮޓް ކުރުމަށް ހުށަހަޅައިފިއެވެ.
ޕްރައިޑ މެޗުގެ ގޮތުގައި ހަމަޖައްސާފައިވާ އީރާނާއި މިޞްރުގެ މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޖޫން 26 ވަނަ ދުވަހުގައެވެ.
މިޞްރާއި އީރާނުގެ އެތެރެއިން އެ ދެޤައުމުގެ ފުޓުބޯޅަ އިދާރާތަކަށް ޕްރެޝަރުކޮށް ވޯލްޑް ކަޕް މުބާރާތް ބޮއިކޮޓް ކުރުމަށް ވެސް އެއްބަޔަކު ގޮވާލަމުން ދާއިރު، މިޞްރު ފުޓްބޯޅަ އެސޯސިއޭޝަން (އީއެފްއޭ) އާއި ފުޓްބޯލް ފެޑެރޭޝަން އިސްލާމިކް ރިޕަބްލިކް އޮފް އީރާން (އެފްއެފްއައިއާރުއައި) އިން ފީފާއަށް ފޮނުވި ސިޓީގައި ވަނީ އެލްޖީބީޓީކިޔު+ ތީމްގެ ހުރިހާ އިވެންޓެއް ކެންސަލް ކުރުމަށާއި މިފަދަ ޢަމަލު ތަކަކީ އަރަބި އަދި އިސްލާމީ އުޞޫލު ތަކާއި ޘަޤާފަތާއި، ދީނީ އަދި އިޖުތިމާޢީ މިންގަނޑުތަކާއި އަދަބު އަޚްލާޤާއި ފުށުއަރާ ކަންތަކެއް ކަމަށެވެ. އެހެންކަމުން ސަޕޯޓަރުންގެ މެދުގައި ފިތުނަ އުފެދިދާނެ ކަމަށް އެ ދެޤައުމުން ވެސް ވަނީ ފީފާ އަށް އިންޒާރު ދީފައެވެ.






