އޮސްޓްރޭލިއާގެ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 6 ދުވަސް ކުރިން - 10 ޑިސެންބަރު 2025 07:30
ކުޑަކުދިންތަކެއް ފޯނާ ކުޅެނީ.
ކުޑަކުދިންތަކެއް ފޯނާ ކުޅެނީ.
ޚުލާސާ

މި ގާނޫނުގައި ވާގޮތުން މިފަދަ ޕްލެޓްފޯމެއް ބޭނުންކޮށްފި ނަމަ އަދަބެއްގެ ގޮތުގައި 49 މިލިއަން އޮސްޓްރޭލިއަން ޑޮލަރާ ހަމައަށް ޖޫރިމަނާ ވެގެންދާނެ.

16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ޕްލްޓްފޯމްތައް ގާނޫނަކުން މަނާކޮށް އެއަށް އަމަލުކުރަން އޮސްޓްރޭލިއާއިން ފަށައިފި އެވެ.

މިއަށް އަމަލުކުރަން ފެށުމާއެކު އޮސްޓްރޭލިއާ ވެގެންދާނީ ދުނިޔޭގައި މިފަދަ ގާނޫނެއް އެންމެ ފުރަތަމަ ތަންފީޒުކުރާ ގައުމަށެވެ. މި ގާނޫނާއެކު މިއަދުން ފެށިގެން ފޭސްބުކް، ޓިކްޓޮކް، އިންސްޓަގްރާމް، އެކްސް، ޔޫޓިއުބް، ސްނެޕްޗެޓް، ރެޑިޓް އަދި އެހެނިހެން ޕްލެޓްފޯމްތައް 16 އަހަރުން ދަށުގެ ކުދިންނަށް އެކައުންޓްތައް އުފެއްދުން ނުވަތަ ބޭނުންކުރުން މަނާވާނެ އެވެ.

މި ގާނޫނުގައި ވާގޮތުން މިފަދަ ޕްލެޓްފޯމެއް ބޭނުންކޮށްފި ނަމަ އަދަބެއްގެ ގޮތުގައި 49 މިލިއަން އޮސްޓްރޭލިއަން ޑޮލަރާ ހަމައަށް ޖޫރިމަނާ ވެގެންދާނެ އެވެ.

މި ގާނޫނަކީ އެ ގައުމުގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް އިސްކޮށް ހުންނަވާ ސަރުކާރުން ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅުއްވި ފިޔަވަޅެކެވެ. އެގޮތުން ސައިބާ ބުލީ ކުރުމާއި އެޑިކްޝަން އަދި ގެއްލުން ހުރި ކޮންޓެންޓަށް ހުށަހެޅުން ފަދަ އޮންލައިން ގެއްލުންތަކުން އެކުދިން ރައްކާތެރިކުރެވޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ގާނޫނަކީ މާ ހަރުކަށި ގާނޫނެއް ކަމަށާއި މިއީ އެކުދިންގެ ރައްޓެހިން ނުވަތަ އޮންލައިން ކޮމިއުނިޓީތަކުގެ ގުޅުން ކަނޑާލަން ކުރި ކަމެއް ކަމަށެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މީގެ ސަބަބުން އެކަށޭނެ ބަދަލެއް ނުގަނެވޭ ކަމަށާއި ވީޕީއެން ފަދަ ވަސީލަތްތައް ވެސް ބޭނުންކޮށްގެން މި ޕްލެޓްފޯމުތައް ބޭނުންކުރާ ފަރާތްތަކުން ބޭނުންކުރާނެ ކަމަށެވެ. އެހެން ކަމުން މިއީ އެ ގައުމުގެ ސަރުކާރުން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި 16 އަހަރުން ދަށުގެ ބައެއް ޔޫޒަރުން ފޭޝަލް-އޭޖް ވެރިފިކޭޝަން ޓެސްޓްތަކުން މަކަރު ހަދައިގެން އެ އެޕްލިކޭޝަންތައް ބޭނުންކުރާނެ އެވެ. އެހެންކަމުން މިފަދަ ގާނޫނެއް އޮތަސް މިއީ މާ ބޭނުންތެރި ގާނޫނެއް ކަމަށް ނުދެކޭ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.

އެ ގައުމުގެ ގިނަ ބެލެނިވެރިން ވަނީ މި މަނާކުރުމަށް މަރުހަބާ ކިޔާފަ އެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ކުޑަކުދިންނަށް ގެއްލުން ހުރި ކޮންޓެންޓުން ރައްކާތެރިކޮށްދީ، ސްކްރީން އެޑިކްޝަން މަދުކޮށްދީ، ދުޅަހެޔޮ ކުޑައިރުގެ އުމުރެއް ކުރިއެރުވުމަށް މިއީ އެ ގައުމުގެ ސަރުކާރުން އެޅި ވަަރށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

އަނެއް ބަޔަކު ބިރުގަންނަނީ އެކަމުގެ ސަބަބުން ދަރިން އިޖުތިމާއީ ގޮތުން އެކަހެރިވެ މިފަދަ ޒަމާނީ ދުނިޔެއެއްގައި ޒަމާނީ ވަސީލަތްތަކުން އެކުދިން އެކަހެރި ކުރުމުން ހޭލުންތެރިވުމަށް ހުރަސް އެޅިދާނެ ކަމަށް ވާތީ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%