ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

މުހައްމަދު ޖަމްޝަތު | 1 ގަޑިއިރު ކުރިން - 9 ޑިސެންބަރު 2025 19:52
ފަނޑިޔާރު ކަމުން ރިޓަޔާކުރެއްވި މުހައްމަދު ނިޔާޒު---
ފަނޑިޔާރު ކަމުން ރިޓަޔާކުރެއްވި މުހައްމަދު ނިޔާޒު---
ޚުލާސާ

ރިޓަޔާކުރެއްވި އިރު ފަނޑިޔާރު ނިޔާޒްގެ ސުލޫކީ މައްސަލައެއް ޖުޑީޝަން ސާވިސް ކޮމިޝަނުން ދަނީ ބަލަމުން

ސުލޫކީ މައްސަލައެއް ބަލަމުންދަނިކޮށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންފި އެވެ.

ހައިކޯޓުން ބުނެފައިވަނީ، އެކޯޓުގެ ފަނޑިޔާރު ނިޔާޒް ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށެވެ. ފަނޑިޔާރު ނިޔާޒް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް އެކޯޓުން ވަނީ ޝުކުރު ދަންނަވާފަ އެވެ.

ފަނޑިޔާރު ނިޔާޒް ހައިކޯޓުން ވަކިވެވަޑައިގެންނެވި އިރު އޭނާއާއި އިތުރު ހަތަރު ގާޒީއެއްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ދަނީ ބަލަމުންނެވެ. ނިޔާޒުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށިއިރުވެސް އޭނާ ވަނީ ރިޓަޔާވާން ހުށަހަޅާފައެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އިތުރުން ޖޭއެސްސީން މައްސަލަ ބަލަމުންދާ ފަނޑިޔާރުންނަކީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހުސެއިން މަޒީދު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީގެ މައްސަލަތަކެވެ. ސުލޫކީ މައްސަލަ ބަލަން ފެށިފަހުން ފަނޑިޔާރު މުހައްމަދު ފައިސަލްވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ފަނޑިޔާރު ނިޔާޒް ހައިކޯޓުގެ ފަނޑިޔާރުކަމާ ހަވާލުވެވަޑައިގެންނެވީ 2018 ޖެނުއަރީ 25 ވަނަ ދުވަހު އެވެ.

ނިޔާޒް ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެ އެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަންވެސް ކުރައްވާފައިވެ އެވެ.

ފަނޑިޔާރު ނިޔާޒްވަނީ 2024 މާރިޗު 20 ވަނަ ދުވަހުން ފެށިގެން، 22 އޮކްޓޫބަރު 2025 އަށް ޖޭއެސްސީގެ ނާއިބު ރައީސްކަންވެސް ކުރައްވާފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%