އަންނަ އަހަރު އޮންނަ ކައުންސިލް އިންތިހާބުގައި 133 ރަށަކަށް ހޮވާނީ ތިން ކައުންސިލަރުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ. ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓް އާންމުކޮށްފައިވާއިރު އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އީސީން ވަނީ ހުޅުވާލާފަ އެވެ.
އިލެކްޝަނުން ނެރުނު ވަގުތީ ރިޕޯޓުގައިވާ ގޮތުން 2،000 އަށްވުރެ މަދު އާބާދީ ދިރިއުޅޭ ރަށްރަށުގައި ހޮވާނީ ތިން ކައުންސިލަރުންނެވެ. އެއީ ކައުންސިލް ރައީސް ހިމެނޭ ގޮތަށް އެއް އަންހެން ކައުންސިލަރެވެ. އެ ގަވާއިދުގައިވާ ގޮތުން އެ ރަށްތަކަށް ދަބްލިއުޑީސީ އަށް ވެސް އިންތިހާބުކުރާނީ ތިން މެންބަރުންނެވެ.
ރިޕޯޓުގައިވާ ގޮތުން 46 ރަށަކަށް ހޮވާނީ ފަސް ކައުންސިލަރުންނެވެ. އެއީ ކައުންސިލް ރައީސް ހިމެނޭ ގޮތަށް ދެ އަންހެން ކައުންސިލަރުންނެވެ. މި ރަށްތަކުގައި ޑަބްލިއުޑީސީ އަށް ވެސް އިންތިހާބުކުރާނީ ފަސް މެންބަރުންނެވެ.
ސިޓީތަކަށް އިންތިހާބުކުރާ ގޮތުގެ ތަފްސީލަށް ބަލާއިރު، ކުޅުދުއްފުށި އަދި ތިނަދޫ ސިޓީއަށް އިންތިހާބުކުރާނީ ކައުންސިލް މޭޔަރަކާއި، އަންހެން ދެ މެންބަރުން ހިމެނޭ ގޮތަށް ހަތް މެންބަރުންނެވެ. މި ދެ ސިޓީގައި ވެސް ޑަބްލިއުޑީސީ އަށް ހަތް މެންބަރަކު އިންތިހާބުކުރާނެ އެވެ. އެއީ ރައީސްގެ އިތުރުން ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެންބަރު އިންތިހާބުކުރާ ގޮތަށެވެ. ތިނަދޫ ސިޓީގެ ޖުމްލަ އާބާދީ އަކީ 10،453 މީހުން ކަމަށްވާއިރު ކުޅުދުއްފުށީގެ އާބާދީއަކީ 11،110 މީހުންނެވެ.
13،802 މީހުން އުޅޭ ފުވައްމުލައް ސިޓީ އަށް އިންތިހާބުރާނީ މޭޔަރަކާއި އަންހެން މެންބަރު ހިމެނޭ ގޮތަށް ނުވަ ގޮޑި އެވެ. މި ސިޓީ އަށް އިންތިހާބުކުރާ އަށް މެންބަރުންގެ ތެރޭގައި ތިން އަންހެން ކައުންސިލަރުން ހިމަނަންޖެހޭނެ އެވެ. މި ސިޓީގައި ޑަބްލިއުޑީސީ އަށް އިންތިހާބުކުރާނީ ރައީސެއްގެ އިތުރުން 10 މެންބަރުންނެވެ.
އައްޑޫ ސިޓީގައި ކުރިން އޮތް އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށެއްގެ ގޮތުގައި ދާދި ފަހުން ވޯޓެއް ނެގި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ ކަނޑައަޅުއްވާފަ އެވެ. އެހެން ކަމުން މި ދެ ރަށް ނުލައި އައްޑޫ ސިޓީގެ އާބާދީ އަކީ 28،800 މީހުންނެވެ. މި ސިޓީ އަށް އިންތިހާބުކުރާނީ 11 ގޮޑިއަށެވެ. އެއީ މޭޔަރަކާއި 10 މެންބަރުންނެވެ. މި 10 މެންބަރުންގެ ތެރޭގައި ތިން އަންހެން ކައުންސިލަރުން ހިމަނަންވާނެ އެވެ. ޑަބްލިއުޑީސީ އަށް އިންތިހާބުކުރާނީ ރައީސާއި 10 މެންބަރުންނެވެ.
83،813 މީހުންގެ އާބާދީއެއް އޮންނަ މާލެ ސިޓީ އަށް އިންތިހާބުކުރާނީ މޭޔަރަކު ހިމެނޭ ގޮތަށް 18 މެންބަރުންނެވެ. ކައުންސިލަށް އިންތިހާބުކުރާ 17 މެންބަރުންގެ ތެރޭގައި ހަ އަންހެން ކައުންސިލަރުން ހިމަނަންޖެހޭނެ އެވެ. ޑަބްލިއުޑީސީ އަށް އިންތިހާބުކުރާނީ ރައީސާއި 17 މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 17:00 ނިޔަލަށެވެ.
މިފަހަރުގެ ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބަށް 266 ދާއިރާއަކަށް 681 މެންބަރަކު އިންތިހާބުކުރަން ޖެހޭނެ އެވެ. ދެ އިންތިހާބު އެއްކޮށް މުޅި ޖުމްލަ 1،362 މެންބަރުން އިންތިހާބުކުރަންޖެހޭނެ އެވެ. މި އިންތިހާބުތައް އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުގަ އެވެ.





