ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފޯމުތައް ހުށަހަޅާނީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މިކަމާ ގުޅިގެން އީސީން ބުނެފައިވާ ގޮތުގައި، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ފަހިކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ސަރުކާރުގެ ގެޒެޓުން އަދި ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މި މަހުގެ ފުރުތަމަ ދުވަހުގެ ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ) އިން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން އިންތިހާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރިކޯޑު ބަލައިގަންނާނެ ކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް، މި ފޯމުތައް ހުށަހަޅަން ޖެހޭނީ އިންތިހާބަށް ކުރިމަތިލުމަށް ކޮމިޝަނުން އިއުލާންކުރުމުން ކަމަށް އީސީން ވަނީ ބުނެފަ އެވެ.
މިގޮތަށް ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދިނުމުގެ މަގުސަދަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަކީ ގިނަ ކެންޑިޑޭޓުންތަކެއް ކުރިމަތިލާ އިންތިހާބަކަށްވެފައި، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ދުރާލާ ފެށޭނެހެން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަވެގެންދާނެގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުން ކަމަށް އީސީން ވަނީ އިތުރަށް ބުނެފަ އެވެ.









