އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ގަޕޯ އިންތިހާބުކޮށްފި

މުހައްމަދު ޖަމްޝަތު | 22 ގަޑިއިރު ކުރިން - 8 ޑިސެންބަރު 2025 21:59
އެމްޑީޕީގެ ވަގުތީ ޗެއާއަކަށް އިންތިހާބުކުރި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)---ފޮޓޯ: މަޖިލިސް އިދާރާ
އެމްޑީޕީގެ ވަގުތީ ޗެއާއަކަށް އިންތިހާބުކުރި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)---ފޮޓޯ: މަޖިލިސް އިދާރާ
ޚުލާސާ

ގަޕޯ ވަގުތީ ޗެއާޕާސަން އަކަށް އިންތިހާބުކުރި އިރު ދެން އެ މަގާމަށް ވާދަކުރި އަބްދުﷲ ވަހީދު ވަނީ ނަން އަނބުރާ ނަގާފައި

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އިންތިހާބު ކޮށްފި އެވެ.

އެމްޑީޕީން މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ޣަފޫރު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެފައިވަނީ 65 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ވޯޓުގައި ބައިވެރިވީ 66 މެމްބަރުންނެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އިންތިހާބުކުރަން މިދިޔަ މަހުގެ 30 ގައި ވެސް ޖަލްސާއެއް ބޭއްވި އެވެ. ނަމަވެސް ޕާޓީ ތެރޭގެ ކޯޅުންގަނޑުގެ ސަބަބުން އެ ޖަލްސާ ހޫނުވެގެން ވަނީ މެދުކަނޑާލާފައެވެ. އެ ބައްދަލުވުމުގައި ވަގުތީ ޗެއާޕާސަންކަމަށް ނަން ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ވަހީދަށް 47 ވޯޓު ލިބުނު ނަމަވެސް، ބޭނުންވާ ވަރަށްވުރެ އެއް ވޯޓު މަދުވާކަމަށް ބުނެ މައްސަލަ ގޯސްވިއެވެ.

ނަމަވެސް، އެވަގުތު ރިޔާސަތުގައި ހުންނެވި، ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވަނީ ވަގުތީ ޗެއާޕާސަނަކަށް ވަހީދު ހޮވުނުކަމަށް އިއުލާނުކުރައްވާފައެވެ.

އެރޭގެ ބައްދަލުވުން ހޫނުވީ، ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމްގެ ނަން ވަގުތީ ޗެއާޕާސަންކަމަށް ހުށަހެޅުމުން، އެއީ ގައުމީ މަޖިލީސް މެމްބަރަކަށް ނުވާތީ ވޯޓަށް ނޭހޭނެކަމަށް ބުނެ އުފެދުނު ހިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ. ވަހީދުގެ ނަން ހުށަހެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ކަމަށްވާއިރު، އަސްލަމްގެ ނަން ހުށަހެޅުމަށް މަސައްކަތް ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.

މިރޭ ބޭއްވި ޖަލްސާ ފެށީ ކުރީ ރޭގެ ޖަލްސާ މެދުކަނޑާލި ހިސާބުން ފެށިގެންނެވެ. ހޫނުވި ޖަލްސާ ޖަލްސާ މެދުކަނޑާލި ފަހުން ވަހީދު އޭނާގެ ނަން ނަގާފައި ވާތީ މިރޭ ވޯޓަށް އެހީ ޣަފޫރުގެ ނަމަށް އެކަންޏެވެ. ނަން އަނބުރާ ނެގިއިރު ވަހީދު ވަނީ ރައީސް ސޯލިހާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ ފަރާތުން ހުރަސްތައް ކުރިމަތިވަމުންދާކަމަށްވެސް ވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ހޮވަން ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ބޭއްވީ އެ މަގާމުގައި މިިދިޔަ ހަތަރު އަހަރެއްހާ ދުވަހު ހުންނެވި ފައްޔާޒު އިސްމާއިލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%