ރަސްމާލޭގެ ދަތުރުފަތުރުގެ މާސްޓަ ޕްލޭން ހަދާނެ ބަޔަކު ހޯދަނީ

މުހައްމަދު ޖަމްޝަތު | 1 ދުވަސް ކުރިން - 8 ޑިސެންބަރު 2025 18:53
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. އަންނަ އަހަރުގެ މާޗްގެ ނިޔަލަށް ރަސްމާލެ ހިއްކައި ނިންމަން ސަރުކާރުން ވަނީ ނިންމާފަ---ފޮޓޯ:ޚުލާސާ
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. އަންނަ އަހަރުގެ މާޗްގެ ނިޔަލަށް ރަސްމާލެ ހިއްކައި ނިންމަން ސަރުކާރުން ވަނީ ނިންމާފަ---ފޮޓޯ:ޚުލާސާ
ޚުލާސާ

ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ

ރަސްމާލެ ޓްރާންސްޕޯޓް މާސްޓަ ޕްލޭންގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސުން ކުރި އިއުލާނުގައި ބުނީ ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ރަސްމާލެ ޓްރާންސްޕޯޓް މާސްޓަ ޕްލޭން މަޝްރޫއުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާވިސް ދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ފިނޭންސުން ބުނީ މި ކޮންސަލްޓެންސީގެ މައިގަނޑު މަގުސަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލުން ކަމަށާއި މިއީ، ވެރިކަން ކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމުގެ ބޭނުމުގައި އެކުލަވައިލާ މާސްޓަ ޕްލޭނެއްް ކަމަށެވެ.

މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން ހުށަހަޅަންޖެހޭނެއެވެ. ކޮންސަލްޓަންޓެއް ހޮވާނީ، މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިޔުސީބީއެސް) މެތަޑާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުލަތު ދެވޭނެ ކަމަށްވެސް ފިނޭންސުން ބުންޏެވެ.

ރަސްމާލެ ޓްރާންސްޕޯޓް މާސްޓަ ޕްލޭންގެ ފީޒިބިލިޓީ ހަދަން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ރަސްމާލެއަކީ، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން 3 ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތްތައް 3 ގުނަ އަވަސްކޮށް މިހާރު ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރަސްމާލެ ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވަނީ، އިކޯ ސިޓީ ނުވަތަ ތިމާވެއްޓާ ރައްޓެހި ސިޓީއެއްގެ ގޮތުގައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%