ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ އާމްދަނީ ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ތަފާސްހިސާބުން ދައްކައިފިއެވެ.
ފިނޭންސުން މިދިޔަ މަހުގެ 27ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުގައި އާމްދަނީ އާއި ހިލޭ އެހީ 35 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 31.7 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 3.2 ބިލިއަން ރުފިޔާ ނުވަތަ 10.2 ޕަސަންޓު އިތުރު އަދަދެކެވެ. އެ މުއްދަތުގައި، ކުރީ އަހަރުގެ ޖުމުލަ ޑެފިސިޓާ އަޅައިބަލާއިރު ވަރަށް ބޮޑަށް ކުޑަވެ، ކުރީ އަހަރުގެ 10.2 ބިލިއަން ރުފިޔާއިން 1.4 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. މިއީ އާމްދަނީގެ ހާލަތު ވަރުގަދަވުމާއި، ހަރަދުތައް ކޮންޓްރޯލްކުރެވުމުގެ ނަތީޖާއެއް ކަމަށް ފިނޭންސުން ފާހަގަކުރެއެވެ.
ސަރުކާރުގެ އާމްދަނީގެ މައިގަނޑު ބަޔަކީ ޓެކްސް އާމްދަނީއެވެ. ޓެކްސް އާމްދަނީ 24 ބިލިއަން ރުފިޔާއިން 26.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ އިރު، މިއީ މިދިޔަ އަހަރާ އަޅައޮބަލާއިރު 2.1 ބިލިއަން ރުފިޔާ ނުވަތަ 8.8 ޕަސަންޓު އިތުރުވުމެކެވެ.
Advertisement

ތަކެއްޗާއި ހިދުމަތްތަކުން ނެގޭ ޓެކްސް (ޖީއެސްޓީ) އިން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޖުމުލަ ޖީއެސްޓީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 12.82 ބިލިއަން ރުފިޔާއިން 14.37 ބިލިއަން ރުފިޔާއަށް މިއަހަރު އިތުރުވެފައިވާ އިރު، މިއީ 1.5 ބިލިއަން ރުފިޔާ ނުވަތަ 12.1 ޕަސަންޓުގެ އިތުރުވުމެކެވެ. މީގެ ތެރެއިން، ޓީޖީއެސްޓީ 8.4 ބިލިއަން ރުފިޔާއިން 9.6 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.2 ބިލިއަން ރުފިޔާ ނުވަތަ 14.2 ޕަސަންޓުގެ އިތުރުވުމެކެވެ. ޖީޖީއެސްޓީ ވެސް 4.4 ބިލިއަން ރުފިޔާއިން 4.8 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ އިރު، މިއީ 8.1 ޕަސަންޓުގެ ކުރިއެރުމެކެވެ.
ޓެކްސް ނޫން އާމްދަނީ ވެސް ވަނީ ކުރިއެރުން ހޯދައިފައެވެ. ޖުމުލަ ޓެކްސް ނޫން އާމްދަނީ 8.6 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 7.2 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، މިއީ 1.4 ބިލިއަން ރުފިޔާ ނުވަތަ 19 ޕަސަންޓުގެ އިތުރުވުމެކެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ފައިސާ ޖަމާކުރުން ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ 27ގެ ނިޔަލަށް އެސްޑީއެފްއަށް ޖަމާކުރެވުނު ޖުމުލަ ފައިސާ 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖަމާކުރެވުނު 1.3 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، މިއީ 1.1 ބިލިއަން ރުފިޔާ ނުވަތަ 84.9 ޕަސަންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރާ އަޅައިބަލާއިރު، ޖުމުލަ ޑެފިސިޓް ވަނީ ބޮޑުތަނުން ކުޑަވެފައެވެ. އެގޮތުން، ބަޖެޓުގެ ޖުމުލަ ބެލެންސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 10.2 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 1.4 ބިލިއަން ރުފިޔާއަށް ރަނގަޅުވެފައެވެ. އަދި އެ މުއްދަތެއްގައި ޕްރައިމަރީ ބެލެންސް ވަނީ 5.9 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 2.8 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް ބަދަލުވެފައެވެ.
މިދިޔަ ހަފުތާގެ ނިޔަލަށް ޖުމުލަ ހަރަދުތައްވެސް ހުރީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ދަށްކޮށެވެ. ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ޖުމުލަ ވަނީ 42.0 ބިލިއަން ރުފިޔާއިން 36.4 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.







