ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރެވޭނެ ވަގުތީ ޖާގަތަކެއް ކަނޑައަޅައިފި އެވެ.

މި މަސައްކަތަކީ އެޗްޑީސީއާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ސަރަހައްދުތަކުގައި ޖުމުލަ 1،964 އުޅަނދު ޕާކު ކުރެވޭނެ ޖާގަ ކަނޑައަޅާފައިވެ އެވެ. އެގޮތުން އެޗްޑީސީން ވަގުތީ ޕާކިން ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ:

  1. މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދު: 115 ޖާގަ
  2. ގާޒީ ސްކޫލު ސަރަހައްދު: 254 ޖާގަ
  3. ހިޔާ ޓަވަރު-16 ސަރަހައްދު: 1،233 ޖާގަ
  4. ވިނަރެސް ސަރަހައްދު: 362 ޖާގަ

މިކަމާ ގުޅިގެން އެޗްޑީސީން ބުނީ، މި ސަރަހައްދުތައް ކަނޑައެޅުމުގެ މަގުސަދަކީ ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅުކުރުމާއި، މަގުތަކުގައި އުޅަނދުތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރުމަށް ކަމަށެވެ. މި އިންތިޒާމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، އުޅަނދުތަކަށާއި މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ލުއިފަސޭހަވެ، ލިބޭ ރައްކާތެރިކަން ބޮޑުވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އުޅަނދުތައް ޕާކުކުރަން ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން މާލޭ ސަރަހައްދުގައި ޕާކިން އަށް ހާއްސަ ބިލްޑިންތަކެއް އިމާރަތްކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ.