މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ބޮޑު ނެޓްވޯކެއްގެ އިސްފަރާތްތައް ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ އިން ފުލުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން "އޮޕަރޭޝަން އަލިމަގު" ގައި ޑިސެމްބަރު 3 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯކުގެ އިސްފަރާތްތައް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ ވަނަވަރެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ މި ނެޓްވޯކުގެ އިސްފަރާތްތަކަށް އަމާޒުކޯށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަން އެ އިދާރާއިން ފަށާފައިވަނީ މިއަހަރުގެ މާޗު މަހުން ފެށިގެން ކަމަށެވެ.
މި ނެޓްވޯކުގެ ތެރެއިން 2017 ވަނަ އަހަރުން ފެށީގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާކަން ފުލުހުންނަށް އެއްކުރެވުނު މައުލޫމާތުގެ އެހީގައި ހޯދިފައޮވާ ކަމަށާއި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި މި ނެޓްވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓުގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ދައުރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެ އެވެ.
ފުލުހުން ބުނެފައިވަނީ މި އޮޕަރޭޝަން މިހާރުވެސް ކުރިއަށްދާ ކަމަށާއި މައްސަލަ ތަހުގީގު ކުރިއަށްދާ މިންވަރަކުން މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ދޭން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލިހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.






