ބ. އަތޮޅުން ފެށިގެން އއ. އަތޮޅަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް އެ އަތޮޅުތަކަށް މިއަދު ހެނދުނު 06:30 އިން ފެށިގެން 10:30 އާ ހަމައަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، އެހެނ ްހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
އަދި އުތުރުގެ ކަނޑުތައް މަޑުވެ އެހެން ހހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ލަފާކުރެ އެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ބ. ދަރަވަންދޫ އަށެވެ. އެއީ 63.5 މިލިމީޓަރުގެ ވާރޭ އެވެ.
ނިމިދިޔަ ހަފްތާ އާއި މި ހަފްތާގެ ކުރީ ކޮޅަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްތަކެކެވެ.






