ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ފަނޑިޔާރުކަމުގެ މަގާމުން ފާއިޒް ވަކިކުރަން ނިންމީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ އިއްތިފާގުންނެވެ. ކްރިމިނަލް ކޯޓުގެ ގާޒީކަމުން އޭނާ ވަކިކުރަން ނުފެންނަ ކަމަށް އަށް މެމްބަރުން ވަނީ ވޯޓުދީފަ އެވެ.
ފަނޑިޔާރުކަމުގެ މަގާމުން ފާއިޒް ވަކިކުރަން ނިންމާފައި މިވަނީ، މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އޭނާ އަމަލުކޮށްފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވުމުގެ ސަބަބުންނެވެ.
ފަނޑިޔާރުކަމުގެ މަގާމުން ފާއިޒް ވަކިކުރަން ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވެ އެވެ. ޖޭއެސްސީން މި މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ އިތުރަށް ދިރާާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މަޖިލީހުން ފޮނުވީ މި މަހުގެ އެއްވަނަ ދުވަހު އެވެ.
ފަނޑިޔާރުކަމުގެ މަގާމުން ފާއިޒް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު އޭނާ ހުންނެވީ 60 ދުވަހުގެ ސަސްޕެންޝަނެއްގަ އެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި މީގެ ކުރިން 2021 ވަނަ އަހަރުގެ ތެރޭގައިވެސް ފާއިޒު ސަސްޕެންޑުކޮށްފައިވެ އެވެ. އެފަހަރު އޭނާ ސަސްޕެންޑް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތަކެއް ކަމަށް ބުނެ ލީކުވި އޯޑިއޯތަކެއްގެ މައްސަލައާ ގުޅިގެންނެވެ. އެހެންނަމަވެސް ލީކުވި އޯޑިއޯތަކުގައި އަޑު ދިމާނުވާ ކަމަށް ބުނެ އޭނާގެ ސަސްޕެންޝަން އުވާލި އެވެ.






