ކްރިމިނަލް ކޯޓުގެ ގާޒީކަމުން ފާއިޒް ވަކިކުރަން ކޮމިޓީން ފާސްކޮށްފި

މުހައްމަދު ޖަމްޝަތު | 3 ދުވަސް ކުރިން - 2 ޑިސެންބަރު 2025 21:04
ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު--
ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު--
ޚުލާސާ

ގާޒީ ފާއިޒު އާ ގުޅޭގޮތުން ޖޭއެސްސީއަށް ދެ މައްސަލައެއް ހުށަހެޅުމުން، މައްސަލަތައް ބަލައި 60 ދުވަހަށް ވަނީ ސަސްޕެންޑުވެސް ކޮށްފައި

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ. ކޮމިޓީން މިގޮތަށް ފާސްކުރީ މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުން ފާސްކުރީ ފާއިޒް ގާޒީކަމުން ވަކިކުރުމުގެ މައްސަލާގައި އިޖުރާއީ ގޮތުން އެއްވެސް މައްސަލައެއް ނެތްކަމަށް ފާހަގަވެފައިވާތީ މި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ރިޕޯޓުގައި އޮތް ގޮތުގެ މަތިން ގޮތެއް ކަނޑައެޅުމަށް ތަޅުމަށް ފޮނުވުމަށެވެ.

ގާޒީ ހުސައިން ފާއިޒު ރަޝާދު މަގާމުން ވަކިކުރެއްވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ، މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ. މަޖިލީހަށް ޖޭއެސްސީން ހުށައެޅި ސިޓީގައިވަނީ، ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރުގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމުގައި ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފަށް ގާޒީ ހުސައިން ފާއިޒު ރަޝާދު އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ، ގާޒީގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، މި މައްސަލާގައި ތުހުމަތުކޮށްފައިވާ އަމަލެއް ގާޒީ ފާއިޒް ކޮށްފައިވާކަމަށް ސާބިތުވެފައިވާކަން ފާހަގަކޮށްފައެވެ.

ފާއިޒު ރަޝާދުގެ އަމުރަށް ބަންދުން ދޫކޮށްލި އަލީ އަންވަރަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް އުޅޭކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ. މީގެ ކުރިން ފުލުހުން ވަނީ، 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށްފައެވެ. އޭގެފަހުން ފެންމަތިވި އިތުރު މައްސަލައެއްގައި ފަސް ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރު ކުރުމަށްފަހު، މުއްދަތު ހަމަވާތީ އަނެއްކާވެސް އޭނާ ކޯޓަށް ހާޒިރު ކުރުމުން އެއްވެސް ޝަރުތަކާ ނުލައި ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

ގާޒީ ހުސައިން ފާއިޒު ރަޝާދާއި ގުޅޭގޮތުން ޖޭއެސްސީއަށް ދެ މައްސަލައެއް ހުށައެޅުނެވެ. މިކަމާއި ގުޅިގެން މިދިޔަ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ، ސަސްޕެންޑްވެސް ކޮށްފައެވެ. ފާއިޒާއި ގުޅޭގޮތުން ހުށައެޅުނު ދެވަނަ މައްސަލައަކީ، މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާއި މެދު އަމަލުކުރި ގޮތާއި މެދު ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަތަކާއި ގުޅިގެން ފާއިޒު 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑުކުރިއެވެ. 2021 ވަނަ އަހަރުވެސް ގާޒީ ފާއިޒު ރަޝާދު ވަނީ، 60 ދުވަހަށް ސަސްޕެންޑްކޮށްފައެވެ. އޭރު ފާއިޒު ސަސްޕެންޑް ކުރީ، އޯޑިއޯއެއް ލީކުވި މައްސަލާގައެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން ފަނޑިޔާރަކު ވަކިކުރެވޭނީ، ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫންކަމަށް ނުވަތަ އެ މަގާމަށް އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%