އެ މީހުން މުއްސަނދިވީ މުސްލިމުންގެ އަތުން ފޭރިގަތް ރަނުން

ޢަބްދުﷲ ޖުނައިދު | 1 ދުވަސް ކުރިން - 3 ޑިސެންބަރު 2025 00:49
ބޮޑުވަޒީރު އެމަނުއެލް މެކްރޮންގެ ފްރާންސްގައި 2437 ޓަނުގެ ރަން އެބަހުރި. މިއީ ކިހިނެއް ހޯދި މުއްސަނދިކަމެއްތޯ އެއްބަޔަކު ސުވާލު އުފައްދާ.
ބޮޑުވަޒީރު އެމަނުއެލް މެކްރޮންގެ ފްރާންސްގައި 2437 ޓަނުގެ ރަން އެބަހުރި. މިއީ ކިހިނެއް ހޯދި މުއްސަނދިކަމެއްތޯ އެއްބަޔަކު ސުވާލު އުފައްދާ.
ޚުލާސާ

ގޯލްޑް ކޯސްޓް ނުވަތަ ގާނާގައިވާ ރަން އިނގިރޭސީން ކަހައިލިއިރު، ސޫދާން، ގިނީ، ނައިޖަރ، އަލްޖީރިއާ، މޮރޮކޯ، އަދި މޮރިޓޭނިއާ ފަދަ މުސްލިމު ޤައުމުތަކުގައިވާ ރަން ފޭރިގަތީ ފުރާންސުން

ޔޫރަޕެވެ. ޔޫރަޕް މީހުންނެވެ. އެއްބަޔަކު ބުނާ ގޮތުން ނަމަ ވަގުންނެވެ. ދުނިޔޭގެ ހަތަރުވަނަ އަށް އެންމެ ބޮޑު ރަނުގެ ރިޒާވް އޮތީ މިއަދު ޔޫރަޕުގެ ފުރާންސުގައެވެ. އެއީ، ގާތްގަނޑަކަށް 2437 ޓަނުގެ ރަނެވެ. ފުރާންސަކީ ޤުދުރަތީ ގޮތުން ރަނުގެ މާ ބޮޑު މުއްސަނދި ކަމެއް ލިބިފައިވާ ޤައުމެއް ނޫން ކަމަށް ވާއިރު ސުވާލަކީ، އެ ޤައުމުން މިހާ ގިނަ ޢަދަދެއްގެ ރަން ހޯދި ގޮތެވެ؟

އެފްރިކާގެ މުސްލިމުން އަޅުވެތިކޮށްގެން، ބިރުދައްކައި އެ މީހުން ލައްވައި ތަންތަން ކޮނެ، ރަން ހޯދުމުގެ މަސައްކަތް ފުރާންސުން ކުރަނީ (1896 ވަނަ އަހަރު)

ތާރީޚަށް ބަލާ އިރުގައި، ފުރާންސަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް ފޭރުމުގެ ޢަމަލުތައް ހިންގި މީހުންނެވެ. އެ މީހުން ވަނީ، 18 ވަނަ ޤަރުނާއި 19 ވަނަ ޤަރުނުގައި އޭޝިއާ އާއި އެފްރިކާގެ ވަރަށް ބޮޑު ސަރަޙައްދެއް ކޮންޓްރޯލް ކޮށްފައެވެ. މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސޫދާން، ގިނީ، ނައިޖަރ، އަލްޖީރިއާ، މޮރޮކޯ، އަދި މޮރިޓޭނިއާގެ ފުލް ކޮންޓުރޯލް ނަގައި އެ ޤައުމުތަކުގެ ރައްޔިތުން ލައްވައި އެއްވެސް މުސާރައެއް ވެސް ނުދީ، އަޅުމަސައްކަތް ކުރުވައި އެ ޤައުމުތަކުގައި ހުރި ރަނާއި ޖަވާހިރުތައް ހޯދައި، ނަގައި، އެ ހުރިހާ އެއްޗެއް ފޭރިގަނެ ޕެރިހަށް ގެންދިޔައެވެ.

ފުރާންސުން އެކަންޏެއް ނޫނެވެ. މިއަދު ޑިމޮކްރަސީ އޭ ކިޔައި އެންމެ ބާރަށް ވާހަކަ ދައްކާ ހުޅަނގުގެ ޤައުމުތަކަކީ ސީދާ މަގުފޭރޭ ޤައުމުތަކެވެ. ޔޫރަޕްގައި އެންމެ ގިނައިން ރަނުގެ ރިޒާވް ހުރި ޤައުމުތަކަކީ ވައްކަން ކޮށްގެން ފޭރިގެން އެ ތަކެތި ޖަމާކުރި ބައެކެވެ. އިނގިރޭސިވިލާތާއި، ޕޯޗުގީޒުންނާއި، އިޓަލީ އާއި، ނެދަލެންޑްސް ފަދަ ޤައުމުތަކުން އެފްރިކާގެ ސަރަޙައްދުގައި ހުރި ރަންތައް ނަގައިގެން ޔޫރަޕްގެ އިޤްތިޞާދު ކޮޅަށް ޖަހައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރި ހަނގުރާމަތަކަށް ފައިނޭންސް ކުރީ މުސްލިމުން އަޅުވެތި ކޮށްގެންނެވެ.

އެފްރިކާ ބައްރުގެ ރައްޔިތުންނަށް އަނިޔާކޮށް ބިރުދައްކައި އެ މީހުންގެ ގުދުރަތީ މުއްސަނދިކަން އިނގިރޭސީން ފޭރިގަތް ޢަމަލު ސިފަ ކުރުމަށް ބޭރު މީހަކު ކުރަހާފައިވާ ކުރެހުމެއް / ވިކިޕީޑިއާ

ދުނިޔޭގެ ތާރީޚުގައި ވެސް ރަނުގެ ގޮތުން އެންމެ މުއްސަނދިކަން އޮތް ދެކުނު އެފްރިކާގެ ރަނުގެ މައިންތައް ކޮންޓްރޯލް ކުރީ އިނގިރޭސީވިލާތުންނެވެ. ކުރީގެ "ރަނުގެ ބަނދަރު"ގެ ނަމުން މުޅި ދުނިޔޭގައި މަޝްހޫރު ގާނާގެ ކޮންޓްރޯލް ނެގީ އިނގިރޭސީންނެވެ. މީގެ 70 ވަރަކަށް އަހަރު ކުރިން ވެސް އިނގިރޭސީންގެ އަތުގައި 2543 ޓަނުގެ ރަން ހުއްޓެވެ. ލަންޑަން މުއްސަނދިވީ ގާނާ އާއި ސޫދާނާއި ސިއެރަލިއޯނާއި ޒިމްބާބުވޭ ފަދަ ސަރަޙައްދުތަކުގައިވާ ރަނުންނެވެ. ޕޯޗުގީޒުން މުއްސަނދިކަން ހޯދީ އެންގޯލާ އާއި މޮޒެމްބީކުން ނެގި ރަނުންނެވެ. އިޓަލީ އިން ވަނީ އެރިޓްރިއާ، ލީބިޔާ، އަދި އިތިއޯޕިއާ ފަދަ ޤައުމުތަކުގައި ހުރި ރަންތައް ނަގާފައެވެ. ނެދަރލެންޑސް އިން ވަނީ ދެކުނު އެފްރިކާ އާއި ގާނާގެ އިތުރުން އިންށޮނޭޝިއާ އިން ރަނާއި މަޢުދަންތައް ނަގާފައެވެ.

ކުރުކޮށް ބުނާ ނަމަ މިއަދު ވޯލްޑް ބޭންކުގައި ނުފޫޒު ގަދަ ޤައުމުތަކަކީ މުސްލިމު ޤައުމުތައް ޙިޞާރު ކުރުމަށްފަހު މީހުން އަޅުވެތިކޮށްގެން އެ މީހުން ލައްވައި އެ ޤައުމުތަކުގައިވާ ޤުދުރަތީ މުއްސަނދިކަން ފާރިގަތް މީހުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%