އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ އަވަހާރަ ކޮށްލަން ހުޅަނގުން މަސައްކަތް ކުރާ ކަމުގެ އައު މަޢުލޫމާތު ތަކެއް އީރާނުގެ އިންޓެލިޖެންސަށް ލިބިގެން، ޢުމުރުފުޅުން 86 އަހަރުގެ ލީޑަރުގެ ސެކިއުރިޓީ އަނެއްކާ ވެސް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފިއެވެ.
އިތުބާރު ހުރި މަސްދަރަކުން ކަށަވަރުވާ ގޮތުގައި ތެހެރާނުގައި އެމެރިކާ އާއި ނޭޓޯގެ ގިނަ ޢަދަދެއްގެ އެޖެންޓުންތަކެއް އެބަ ތިއްބެވެ. އެ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 20 މީހަކު އީރާނުގެ އިންޓެލިޖެންސުން ވަނީ ހައްޔަރު ވެސް ކޮށްފައި ކަން ފާހަގަ ކުރެވެއެވެ.
އީރާނުގެ ޖާސޫސީ މަސްދަރުތަކުން ބުނާ ގޮތުގައި ޚާއްޞަކޮށް އެމެރިކާ އާއި އިސްރާއީލުން ދަނީ އީރާނުގެ ތެރެއަށް ވަންނާނެ މީހުން ހޯދަމުންނެވެ. އޭގެތެރޭގައި ވަޒީފާ އާއި ކައިވެނީގެ ގުޅުން ހިމެނެއެވެ.
ޚާމަނާއީ އަވަހާރަ ކޮށްލުމަށް ހުޅަނގުގެ ޖާސޫސީ ނެޓްވޯކްތަކުން މަސައްކަތް ކުރާތާ ދިހައަހަރު ވެއްޖެ ކަމަށް އީރާނުގެ ރައީސް ވެސް ވަނީ ވިދާޅުވެފައެވެ.
ޚާމަނާއީގެ ސެކިއުރިޓީގައި އަބަދުވެސް 12000 ސިފައިން ތިބެއެވެ. 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓައެވެ. އޭނާ ދިރިއުޅުއްވާ ކޮޓަރިކޮޅާއި ހަމަޔަށް ވަދެވޭނީ 14 ތަނުން ޗެކު ކުރުމަށް ފަހުގައެވެ. އަދި އޭނާ ފަރިއްކުޅުއްވުމުގެ ކުރިންނާއި، އޭނާ އަށް ކާތަކެތި ތައްޔާރުކުރުމުގެ ކުރިން އެ ހުރިހާ ތަރުކާރީ އަކާއި މޭވާ އަކަސް އަދި މަސް ކަމުގައި ވިޔަސް އެއިން ކޮންމެ އެއްޗެއްގައި އެއްވެސް މިނަވަރަކަށް ޒަހަރު އެކުލެވޭތޯ ބެލުމަށް ޚާއްޞަ ޓީމެއް ވެސް އޮވެއެވެ.
ރަޝިއާ އާއި އީރާނުން ނޭޓޯ އާއި ދެކޮޅަށް “އަތުގުޅައިގެން” ނުކުތުމަށް މަޝްވަރާތައް ކުރަން އުޅޭތީވެ ހުޅަނގުން މިހާރު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.
މި ދަނޑިވަޅުގައި ހުޅަނގުގެ ބާރުތަކުން ގުޅިގެން ތެހެރާނުގެ އެތެރެ ގަޑުބަޑު ކޮށްލަން މަސައްކަތް ކޮށްފާނެތީވެ، ޤައުމަށް ޣައްދާރު ނުވުމަށް ބުނެ އީރާނުން ވަނީ އެ ޤައުމުގެ ރައްޔިތުންނަށް އިންޒާރު ވެސް ދީފައެވެ.






