މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމަނަން ހުށަހަޅައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 5 ދުވަސް ކުރިން - 25 ނޮވެންބަރު 2025 12:23
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް: މިސްކިތްތަކަށް ގެއްލުން ދިނުން އެއީ ޓެރަރިޒަމުގެ ކުށެއްގެ ގޮތުގައި ހިމެނުމަށް އޭނާ ވަނީ ހުށަހަޅާފަ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް: މިސްކިތްތަކަށް ގެއްލުން ދިނުން އެއީ ޓެރަރިޒަމުގެ ކުށެއްގެ ގޮތުގައި ހިމެނުމަށް އޭނާ ވަނީ ހުށަހަޅާފަ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

މިފަދަ އަމަލުތަކަކީ މިސްކިތްތަކުގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ އަމަލުތަކެއް ކަމުން، ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި މިފަދަ އަމަލުތައް ހިމެނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މެމްބަރު ވިދާޅުވި

މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމަނަން، ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހެއް މިއަދު ހުށަހަޅައިފި އެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވި ގޮތުގައި، މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ފަދަ ގައުމެއްގައި މިސްކިތްތަކަށް ގެއްލުން ދިނުން އާއްމުވެފައިވާތީ ކަމަށެވެ.

މީގެ އިތުރުން މި ފަދަ އަމަލުތަކަކީ މިސްކިތްތަކުގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ އަމަލުތައް ކަމަށާއި، އެފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުމަކީ މުހިއްމު ކަމެއް ކަަމަށް ވެސް މެމްބަރު މުހައްމަދު އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. އޭނާ ހުށަހެޅުއްވި ބިލުގައި އޮތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ ށ.ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރުކޮށް، "މިސްކިތަށް ގެއްލުން ދިނުން" ހިމެނުމަށެވެ.

މެމްބަރު މުހައްމަދު އިބްރާހިމް އިތުރަށް ވިދާޅުވީ މީޑިއާތަކުގެ ފަލަ ސުރުހީއަށް ކޮންމެ ފަހަރަކު ނޭރި ނަމަވެސް، މިސްކިތްތަކަށް ގެއްލުން ދިނުން މިހާރު ވަރަށް ބޮޑަށް އާންމުވެއްޖެ ކަމަށާއި މިއީ ހުއްޓުވަން ޖެހޭކަމެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މާލޭގެ އިތުރުން އާއި އަތޮޅުތެރޭގެ ރަށްރަށުގެ މިސްކިތްތަކަށް ގެއްލުންދޭ މައްސަލަތައް މިހާރަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މި ފަހުން ވެސް މާލޭ ތޮއިބާ މިސްކިތާއި އައްޑޫ ސިޓީ ހިތަދޫގެ މަސްޖިދުލް އުމަރު ފާރޫގު މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%