އެމްޑީޕީ ތެރޭ އަނެއްކާވެސް ތަޅާފޮޅެން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 6 ދުވަސް ކުރިން - 24 ނޮވެންބަރު 2025 19:48
ރައީސް ސޯލިހު އަދި ރައީސް ނަޝީދު---ފޮޓޯ: ސޯޝަލް މީޑިއާ
ރައީސް ސޯލިހު އަދި ރައީސް ނަޝީދު---ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

ހިޔާލުތަފާތުވެ އަރައިރުންވާން ފަށާފައިމިވަނީ އައު ކެނޑިޑޭޓެއް ނެރުމަށް ރައީސް ނަޝީދު ހިޔާލުދެއްވާފައިވާތީ. ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުރުން ސޯލިހަކީ ވެސް ޗޮއިސް އެއް ނޫން ކަމަށް.

2028 ގައި އޮންނަ ރިޔާސީ އިންތިހާބަށް އައު މޫނެއް ނެރުމަށް ނަޝީދު ހިޔާލުފާޅު ކުރެއްވުމާއެކު އެމްޑީޕީ ތެރެ ފަޅައިގެން ގޮސްފި އެވެ.

އެމްޑީޕީ ވެރިން ތިބޭ ވަޓްސް އެޕް ގުރޫޕެއްގައި ނަޝީދު ވިދާޅުވީ ހުދު އެމަނިކުފާނު އަދި ކުރީގެ ރައީސް ސޯލިހު ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށާއި އެހެން ބޭފުޅަކަށް ފުރުސަތު ދެއްވަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. މިއާ އެކު އެމްޑީޕީގެ ވެރިންގެ ތެރޭގައި ހިޔާލު ތަފާތުވެ ރައީސް ސޯލިހު ފެކްޝަނުގެ ބައެއް ބޭފުޅުން އެކަމާ ހިތްހަމަނުޖެހުން ވަނީ ފާޅު ކުރައްވާފަ އެވެ.

ވަޓްސް އެޕް ގުރޫޕުގައި ކުރި މެސެޖެއްގައި ނަޝީދު ވިދާޅުވީ "އަޅުގަނޑުމެން ނުލައި އިންތިހާބު ކާމިޔާބު ވާނެ ކަމަށް މާ ބޮޑަށް ދެކެވި އިިންތިހާބު ހަރާބުވީ" ކަމަށެވެ.

ނަޝީދު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ކުރިމަތިނުލައްވާ ރައީސް ސޯލިހު ކުރިމަތިލައްވަން ދެ ފަހަރެއްގެ މަތިން ހުށަހެޅުއްވި ކަމަށާއި ނަމަވެސް ސޯލިހާއި ސޯލިހުގެ އަރިސް ބޭފުޅުންނަށް އެގޮތް ކަމު ނުދިޔަ ކަމަށެވެ. ނަޝީދު މިހެން ވިދާޅުވި ނަމަވެސް ސޯލިހު ފެއިލް ކޮށްލަން އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ވެސް ނަޝީދެވެ. އެގޮތުން ޕްރައިމަރީގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު އެ ޕާޓީން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފައްދަވާ ސޯލިހު ފެއިލް ކުރުމުގެ މަސައްކަތް ކާމިޔާބު ކުރެއްވި އެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމުން އެކަމަށްޓަކައި މަރުހަބާ ވިދާޅުވެފަ އެވެ. އިސްތިއުފާ ދެއްވަމުން ފައްޔާޒް ވިދާޅުވެފައި ވަނީ ވެރިކަމުގައި ހުރެ ވެސް އަދި އޭގެ ފަހުން ވެސް އެމްޑީޕީ ތެރޭގައި އުފެދިފައިވާ ބައިބައިވުން ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ސޯލިހު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބާ ގުޅުވައި މިތަނުގައި މި ދެކެވެނީ އޭރުގެ ހާލަތުގެ އެއްބައި ކަމަށާއި އޭރު ކަންތައް ހިނގައި ދިޔަގޮތުގެ ތަފްސީލަށް ތިމަން މަނިކުފާނު ނުގޮސް މި މަޑުކުރަނީ މަސްލަހަތަށްޓަކައި ކަމަށެވެ. އަދި މިއީ ޕާޓީގެ ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވަމުން ފައްޔާޒުގެ ވާހަކައިގައި ވެރިކަމުގައި ތިބެ ނިޒާމީ ވޯޓެއް ނެގުމުގެ މަޝްވަރާ ކުރެވުނު ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ނަޝީދު ފެކްޝަނުގެ ޑިމާންޑަކަށް ވީ ޕްރައިމަރީ އަކަށް ނުގޮސް ނިޒާމީ ވޯޓަކަށް ދިޔުން ކަމަށާއި އެކަން ސޯލިހު ފެކަޝަނަށް ހިއްސާ ކުރެއްވި ކަމަށެވެ. ނަމަވެސް ގިނަ ބޭފުޅުން އެކަމަށް ތާއިދު ނުކުރައްވާ ކަމަށާއި، ނިޒާމީ ވޯޓަކަށް ދިޔުމަށް އެންމެ ރަނގަޅު ކަމަށް ވިދާޅުވުމަށް ފައްޔާޒު އަށް ސޯލިހު ފަހުން އެންގެވި އެވެ. ނަމަވެސް ފައްޔާޒު ވިދާޅުވީ އެވަގުތުގެ ގޮތުން ނިޒާމީ ވޯޓަކަށް ނުދާން ހުދު އެމަނިކުފާނު ވެސް ބޭނުންފުޅު ވީ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ނަތީޖާއެއްގެ ގޮތުން ޕްރައިމަރީއެއް ބާއްވާ ޕާޓީއަށް ލިބުނު ގެއްލުން ވަރަށް ބޮޑު ކަމަށެވެ. އޭގެ ނަތީޖާ އަކީ މަޖިލިސްގެ ގިނަ ގޮޑިތައް ކާމިޔާބު ނުވުން ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%