ރަޝިޔާ އާއި ޔުކްރޭނާއި ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރޭނަށް ހުށަހެޅުއްވި 28 ނުކުތާގެ ޞުލްޙައިގެ ޕްލޭން ބަލައިގަންނަން ޔޫރަޕުން ދެކޮޅު ހަދައިފިއެވެ.
ފުރާންސާއި އިޓަލީ އާއި ޖަރުމަނު ހިމެނޭހެން ޔޫރަޕުގެ ގިނަ ޤައުމުތަކުން ބުނީ ޓްރަމްޕުގެ އެ ޕްލޭނަކީ ބަލައިގަނެވޭނެ ޕްލޭނެއް ނޫން ކަމަށާއި އެ އަށް ބޮޑެތި އިޞްލާޙުތަކެއް ބޭނުންވާ ކަމަށެވެ.
ޖަރުމަނުގެ ޗާންސެލަރާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރާއި، ފްރާންސްގެ ރައީސް ވެސް ހިމެނޭހެން އީޔޫ އިން ވަނީ މިކަމާއި ގުޅިގެން މިހާރު ގުޅިފައިވާ ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނީ ޓްރަމްޕް އެކުލަވައިލީ އަދި ޑްރާފްޓެއް ކަމަށް ވުމުން، ފައިނަލް ކުރުމަށް މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ.
ޓްރަމްޕު އެކުލަވައިލި ޑްރާފްޓާއި މެދު ޔޫރަޕުން ބުނީ އެ މީހުން އެންމެ ކަންބޮޑު ވަނީ މައިގަނޑު ތިންކަމަކަށެވެ. އެއީ ޔޫކްރޭންގެ އިސްތިޤުލާލާއި، އަސްކަރިއްޔާގެ ބާރުތަކާއި އަދި ސަލާމަތީ ގެރެންޓީ ލިބޭނެ ގޮތް ޓްރަމްޕުގެ ޑްރާފްޓުން ސާފުކޮށް ކަށަވަރު ނުވާތީއެވެ.
ޓްރަމްޕުގެ ޑްރާފްޓުގައި ވާ ގޮތުން ޔުކްރޭނުގެ އިސްތިޤްލާލް ޙިމާޔަތްކޮށް، ރަޝިޔާއާއި ޔުކްރޭނު އަދި ޔޫރަޕާއި ދެމެދު މަޝްވަރާ ވެސް ކުރާނެއެވެ. އަދި އަވަށްޓެރި ޤައުމުތަކަށް ރަޝިޔާއިން ނާރާނެ ކަމަށާއި، ނޭޓޯ އިތުރަށް ފުޅާ ނުކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން 6 ލައްކަ ސިފައިންނަށް ވުރެ ޔުކްރޭނުގެ އަސްކަރިއްޔާ ބޮޑު ވެގެން ނުވާނެ ކަމަށާއި، ޔުކްރޭނުގެ ބިމުގައި ނޭޓޯ ސިފައިން ނުބައިތިއްބާނެ ކަމާއި، ޔޫރަޕްގެ ފައިޓާ ޖެޓުތައް ތިބެން ޖެހޭނީ ޔުކްރޭނުގެ ބަދަލުގައި ޕޮލެންޑުގައި ކަމާއި، ޔުކްރޭނުގެ ޒަޕޮރީޒިއާގައި ހުރި ނިއުކްލިއާ ޕްލާންޓް ބަލަހައްޓަން ޖެހޭނީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީގެ ބެލުމުގެ ދަށުން ކަމަށް ވެސް ބުނެފައި ވެއެވެ.






