ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ޖުމްލަ 11 ފަނޑިޔާރުން ތިބޭ ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަމުންދާކަން ޖޭއެސްސީން ހާމަކޮށްފައިނުވި ނަމަވެސް "ޚުލާސާ" އިންވަނީ އެކަން ކަށަވަރުކޮށްފަ އެވެ.
މައްސަލަ ބަލަމުންދާ ފަނޑިޔާރުންނަކީ ފަނޑިޔާރު މުހައްމަދު ނިޔާޒު އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހުސެއިން މަޒީދު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީގެ މައްސަލަތަކެވެ.
މީގެ ތެރެއިން ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔާވުމަށްވެސް ހުށަހަޅުއްވައިފަ އެވެ. އޭނާއަކީ ހައިކޯޓުގައި އެންމެ ގިނަދުވަސްވީ ފަނޑިޔާރެވެ. އޭނާއަށް ރިޓަޔާމެންޓްގެ ފުރުސަތު ދެއްވުމަށް ޖޭއެސްސީން މިހާރު ވަނީ ނިންމައިފަ އެވެ.
ފަނޑިޔާރު މުހައްމަދު ފައިސަލްގެ މައްސަލަ ބަލަމުންދާއިރު އޭނާ ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީން ކުރިން އޮތޯީ ނިންމާފަ އެވެ. ނަމަވެސް އޭނާއާ އެ މަގާމު ރަސްމީކޮށް ހަވާލެއް ނުކުރެ އެވެ. ދާދިފަހުން އޭނާ ވަނީ ހައި ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރެއްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެނގިފައިވާ ގޮތުގައި ފަނޑިޔާރު ފައިސަލް އެ މަގާމުން އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާތީ އެވެ. ހައިކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރުގެ މަގާމުން ފައިސަލް އިސްތިއުފާ ދެއްވުމުން ހައިކޯޓު ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ވަނީ ހަވާލުކޮށްފަ އެވެ.






