ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ ރާއްޖޭގައި މިހާތަނަށް އަހަރަކަށް ލަފާކުރި އެންމެ ބޮޑު ބަޖެޓެވެ. 64.2 ބިލިއަނަށް ބަޖެޓު އަރާފައިވަނީ އަންނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ މާސިންގާ ދަރަނިތައް ދެއްކުންވެސް ހިމަނައިގެންނެވެ. އެގޮތުން ދަރަނި ދެއްކުމަށް ބަޖެޓުގައި 9.3 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ދައުލަތުގެ ހަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.3 ބިލިއަން ރުފިޔާ ހިމެނެ އެވެ.
އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.4 ބިލިއަން ރުފިޔާއެވެ. ހަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.3 ބިލިއަން ރުފިޔާ ހިމެނެ އެވެ.
އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާ އެވެ.
ކޮމިޓީން ބަޖެޓު ދިރާސާކުރުމުގެ މަރުހަލާގައި އެކި އިދާރާތަކާއި މާލީ ވުޒާރާއާ ވަނީ މަޝްވަރާތައް ކޮށްފައެވެ. އަދި އެ މަޝްވަރާތަކަށްފަހު މުޅި ޖުމްލަ ބަޖެޓަށް އުނިއިތުރުވުމެއް ނާންނަގޮތަށް އިސްލާހުތަކެއް ވަނީ ގެނެސްފައެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި 3.5 މިލިޔަން ރުފިޔާ ޚާއްސަ ބަޖެޓުގެ ތެރެއިން އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ. އަދި ދައުލަތުގެ އޮފީސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަަމަށް ހައްލެއްް ހޯދައި ކުއްޔަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިތުރު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް އަވަސްކުރުމަށް އެންގުމަށްވެސް ފާސްކުރިއެވެ.
ކޮމިޓީ މަރުހަލާގައި މިނިވަން މުއައްސަސާތަކުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް މާލީ ވުޒާރާއިން ވަނީ އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ހުށަހަޅުއްވާފައެވެ. އެގޮތުން އެއްވެސް މުއައްސަސާއެއްގެ ޤާނޫނީ ޒިންމާ އަދާކުރަން ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ މުޅި ބަޖެޓުގެ ތެރެއިން ޖާގަހޯދައިގެން ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ މަޖިލީހަށް ދެއްވާފައެވެ.
ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ. ބަޖެޓް ފާސްކުރާނީ ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މެންބަރުންގެ މެދުގައި ބަހުސްކުރުމަށްފަހުއެވެ. ބަޖެޓު ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނެޓު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.






