މާލޭ ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ގެއެއްގެ ތެރޭގައި ހިފަހައްޓައި އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މާފަންނު ގެއެއްގެ ތެރޭގައި އެ އަންހެންމީހާ ހުއްދަނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދު އިރުއޮއްސި 18:11 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއްް ނުދެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
މާލޭގައި މިދިޔަ އާދީއްތަ ދުވަހު 24 އަހަރުގެ އަންހެނަކަށް ޖިންސީ އަނިޔާކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ. ފުލުހުން ބުނިގޮތުގައި އެ އަންހެންމީހާ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުމުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، އޭނާއަށް ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ ހޮސްޕިޓަލުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. ނަމަވެސް ތަހުގީގަށް ކުރިއެރުންތައް ލިބެމުންދާ ކަމަށް ފުލުހުން ވަނީ މިރޭ ބުނެފަ އެވެ.









