އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.9 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.9 ޕަސެންޓް އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،923،496 ފަތުރުވެރިން ވަނީ، ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ، 1،750،249 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ގައުމު:
- ޗައިނާ: 303،035 ފަތުރުވެރިން
- ރަޝިޔާ: 242،542 ފަތުރުވެރިން
- ޔޫކޭ: 171،213 ފަތުރުވެރިން
- ޖަރުމަނު: 144،278 ފަތުރުވެރިން
- އިޓަލީ: 125،582 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6437 ފަތުރުވެރިން އާދެއެވެ. ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ، ރިސޯޓްތަކުގައެވެ. އެއީ 73.7 ޕަސެންޓެވެ. ގެސްޓް ހައުސްތަކުގައި 21.5 ޕަސެންޓް ފަތުރުވެރިން އަދި ހޮޓެލްތަކުގައި 2.6 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މުޅި ޖުމްލަ 1295 ތަނެއް ވަނީ ހުޅުވާފައެވެ. އަދި މި ތަންތަނުގެ ބެޑް ކެޕޭސިޓީ 66،235 އަށް އަރައެވެ.
މީގެ ތެރޭގައި ހިމެނެނީ، ރިސޯޓުތަކުން އިތުރުކުރި 44,247 އެނދާއި، ގެސްޓު ހައުސްތަކުގެ 16,068 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނައި 3,322 އެނދުގެ އިތުރުން ހޮޓާތަކުގެ 2,598 އެނދެވެ.






