
ހުޅަނގު އައްސޭރީގައިވާ ޙާއްޖަ ޙަމީދާގެ މިސްކިތް ޔަހޫދީން އަންދާލާފައިވާއިރު ކުޑަ ދެކުއްޖަކު މިސްކިތަށް ލިބިފައިވާ ގެއްލުންތައް ބަލައި ޗެކުކުރަނީ / ފޮޓޯ: އޭޕީ
ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އުތުރުގައި ޢިމާރާތް ކޮށްފައިވާ މަސްޖިދުލް ޙާއްޖަ ޙަމީދާ (مسجد الحاجة حميدة) މިސްކިތުގައި ޔަހޫދީ ވަޒަންވެރިން ހުޅުޖަހައި އެ މިސްކިތް އަންދާލައި ޤުރުއާނުގެ ޚަތިމްތައް ވެސް އަންދައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
ނަފްރަތު ބޮޑު މި ޖަރީމާ އުރުދުންގެ ސަރުކާރުން ކުށްވެރިކޮށްފައި ވާއިރު، ފަލަސްޠީނުގެ މާތް މުޤައްދަސް ތަންތަން ޙިމާޔަތް ކުރުމަށް ބައިނަލްއަޤްވާމީ އެއްވެސް ފަރާތަކުން އެކަށީގެންވާ މަސައްކަތެއް ކޮށް، އިސްރާއީލާއި ދެކޮޅަށް ފިޔަވަޅެއް ވެސް ނާޅާކަން ފާހަގަ ކުރެވެއެވެ.
މިސްކިތުގައި ރޯކޮށްލުމުގެ ކުރިން ޔަހޫދީން ވަނީ އެ މިސްކިތުގެ ފާރުގައި އިންޒާރު ވެސް ލިޔެފައެވެ.

ބަދަލުހިފާނެ ކަމަށް ބުނެ ޔަހޫދީން މަސްޖިދުލް ޙާއްޖަ ޙަމީދާގެ ފާރުގައި ލިޔެފައިވާއިރު، ބަޔަކު އެ ފާރަށް ބަލަހައްޓައިގެން.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ޔަހޫދީން ދަނީ ފަލަސްޠީނުގެ މިސްކިތްތަކަށް ހުއްޓުމެއް ނެތި ޙަމަލާތައް ދެމުންނެވެ. 1948 ވަނަ އަހަރުން ފެށިގެން ހުޅަނގު އައްސޭރިއާއި ޣައްޒާއާއި ގަދަކަމުން ވެރިވެގެންފައިވާ ފަލަސްޠީނުގެ ތަންތަނުގައިވާ މިސްކިތްތަކަށް އަމާޒުކޮށްގެން އެތައް ސަތޭކަ ޙަމަލާ އެއް ޔަހޫދީން ވަނި ދީފައެވެ.
2023 ވަނަ އަހަރު ފެށި ޖަރީމާތަކުގައި އެކަނިވެސް ގާތްގަނޑަކަށް 1،000 މިސްކިތަށް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.






