13 އަހަރަށް ފަހު ކަސްޓަމްސްގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ދިޔާނާ ވިދާޅުވެފައިވަނީ މުސާރަ ބޮޑުކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު ޒަމީރާ މަޝްވަރާކުރި ކަމަށާއި، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މުސާރަ ބޮޑު ކުރުމަށް އަދަދުތަކެއް ކަނޑައެޅި މިނިސްޓަރަށް ހުށަހަޅާފައިވާ ކަމަށެވެ.
ދިޔާނާ ވިދާޅުވީ 2026 ވަނަ އަހަރަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓުގައި ކަސްޓަމަށް ދީފައިވަނީ މުސާރައަށް 270 މިލިއަން ރުފިޔާ އަދި އޮފީސް ހިންގުމުގެ ހަރަދަށް 45 މިލިއަން ރުފިޔާ އާއެކު މުޅި ޖުމްލަ 316 މިލިއަން ރުފިޔާ ކަމަށެވެ.
އަދި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ ޕީއެސްއައިޕީ ނުހިމަނާ 297 މިލިއަން ރުފިޔާ ކަމަށާއި މިއީ އެ މިނިސްޓްރީއާއެކު ބޭއްވުނު ބަޖެޓު އިވެލުއޭޝަން މަރުހަލާގައި ކަސްޓަމަށް ކަނޑައެޅުމަށް އެއްބަސް ވެވުނު އަދަދަށްވުރެ 19 މިލިއަން ރުފިޔާގެ ދަށް އަދަދެއް ކަމަށްވެސް ދިޔާނާ ވިދާޅުވެފައިވެ އެވެ.
ކަސްޓަމްސްގެ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވާ ބަޖެޓު ދިރާސާ ކޮމިޓީގެ މެންބަރަކު ވިދާޅުވެފައިވަނީ ބަޖެޓަށް މަދުވާ ބައި ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، ނަމަވެސް ބަދަލުވަމުންދާ ޒަމާނުގައި ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކަސްޓަމްސް ގެ ފަރާތުން ވަރަށް ބޮޑަށް ކުރަން ޖެހޭ ކަމަށެވެ. ދައުލަތުގެ ޔުނީފޯމް އެޅި އެހެން މުވައްސަސާތަކުގެ މުސާރަތައް ބޮޑުވެގެންދާއިރު ކަސްޓަމްސް މުވައްޒަފުންގެ މުސާރަވެސް ބޮޑުވާން ޖެހޭނެ ކަމަށް އެ މެންބަރު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަން ހާސިލުވާން އޮތީ ކަސްޓަމްސްގެ ވެރިން ކުރާ މަސައްކަތަކުން ކަމަށް އެ މެންބަރު ވަނީ ފާހަގަކޮށްފަ އެވެ.
އެހެން މުއައްސަސާތަކަށް މުސާރަ ބޮޑުވެގެންދާއިރު ކަސްޓަމަށް އަދިވެސް އެކަން ހަމަނުޖެހި އޮތީ ކީއްވެގެންތޯ މެންބަރަކު ސުވާލުކުރުމުން ކަސްޓަމްސްގެ ޗީފް ސުޕްރިޓެންޑެންޓް އަބްދުﷲ އަލީ ވިދާޅުވީ އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި 2026 ވަނަ އަހަރު ތެރޭ ކަސްޓަމްސްގެ މުސާރަ ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ޔަގީންކަން ދެއްވާފައިވާ ކަމަށާއި އެކަމާ ދޭތެރޭ އެބޭފުޅުންގެ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އަބްދުﷲ އަލީ ވިދާޅުވީ ކަސްޓަމްސް ގެ ގާނޫނު ފާސްވީ 2011 ގައި ކަމަށާއި އެ ގާނޫނާ އެއްކޮށް އާ އޮނިގަނޑު އެކުލަވާލެވި 2012 ވަނަ އަހަރު މުސާރައަށް ބަދަލު ގެނެވުނު ކަމަށެވެ. އެހެންކަމުން މުސާރައަށް ބަދަލެއް ނާންނަތާ މިހާރު 13 އަހަރުވެއްޖެ ކަމަށެވެ.
އަންނަ އަހަރު މުސާރަ ބޮޑުވެގެންދާއިރު ކަސްޓަމްސް މުވައްޒަފުންގެ މުސާރަ ވެސް ބޮޑުވާނެ ކަމަށް ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ކަސްޓަމްސްގެ ނިޒާމު ހަރުދަނާ ކުރަންޖެހޭ ކަމަށް ފާހަގަކޮށް ކޮމެޓީގެ މެންބަރަކު ވިދާޅުވެފައިވަނީ މިއަދާ ހަމައަށް ކޮންޓެއިނާއެއް ސްކޭން ކޮށްލެވޭނެ އިންތިޒާމު ވެސް ނެތް ކަމަށާއި ދައުލަތަށް ވަންނަންޖެހޭ އާމްދަނީ އިތުރު ކުރެވޭނީ މިފަދަ ތަރައްގީތައް ގެނެވިގެން ކަމަށެވެ.
އެ ވާހަކަތަކަށް އަލިއަޅުވާލައި ދިޔާނާ ވިދާޅުވީ ކަސްޓަމްސް ހަރުދަނާ ކުރަން ޖެހޭ ކަމަށް އެކަމަނާ ވެސް ގަބޫލުކުރައްވާ ކަމަށާއި، ކޮންޓެއިނާ ސްކޭނަރެއް ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކޮށް އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޗީފް ސުޕްރިޓެންޑެންޓް އަބްދުﷲ އަލީ ވިދާޅުވީ ކޮންޓެއިނާ ސްކޭނަރާއި އެއްކޮށް 27 އައިޓަމެއް ބޭނުންވާ ކަމުގެ ލިސްޓެއް މަޖިލީހަށް ހިއްސާކޮށްފައިވާނެ ކަމަށާއި އެކަމަށްޓަކައި 162 މިލިއަން ބޭނުންވާ ކަމަށެވެ. ކޮންޓެއިނާ ސްކޭނަރެއް ބެހެއްޓިއްޖެ ނަމަ ސްމަގްލިންއާއި އަދި އެނޫންވެސް ވައްކަންތައް ހުއްޓުވި ދައުލަތައް ވަންނަ ޑިއުޓީ އިތުރުވެގެންދާނެ ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ.
ކޮންޓެއިނާ ސްކޭނަރެއްގެ ހޯދުމުގެ މަޝްވަރާ އެންމެ ފުރަތަމަ ކުރެވުނީ މިދިޔަ އަހަރު ކަމަށް ދިޔާނާ ވަނީ ކޮމެޓީގައި ވިދާޅުވެފަ އެވެ.






