އެމެރިކާ އާއި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ ނިއުކްލިއާ ސައިޓްތައް ކުރިއަށް ވުރެ މާ ވަރުގަދަކޮށް އަލުން ބިނާ ކޮށްފައިވާ ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވެއްޖެއެވެ.
އީރާނުގެ އެޓޮމިކް އެނާޖީ އޮގަނައިޒޭޝަން (އޭއީއޯއައި) ގެ މައި އޮފީހަށް ޒިޔާރަތް ކުރައްވައި ޕީޒިޝްކިޔާން ވިދާޅުވީ ޢިމާރާތްތަކާއި ފެކްޓްރީތައް ހަލާކުކޮށް ބިރުދައްކައިގެން އީރާން ފަހަތަށް ނުޖެހޭނެ ކަމަށާއި އީރާނުގެ ނިއުކްލިއާ ސައިންސް އޮތީ ހަމައެކަނި ފެސިލިޓީތަކުގައި ނޫން ކަމަށެވެ. އަދި ނިއުކްލިއާ ސައިޓުތަކަށް ގެއްލުން ލިބުނު ކަމުގައި ވިޔަސް އެޤައުމު ދެން ދާނީ ކުރިއަށް ވުރެ ބާރަށެވެ.
ޖޫން މަހު ވޮޝިންޓަނާއި ޓެލް އަވީވް އިން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ވަރަށް ވަރުގަދަ ޙަމަލާތަކެއް ދިނެވެ. އަދި އެތަންތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްލާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އޭރު ވިދާޅުވިއެވެ.
އިސްރާއީލުގެ ޖާސޫސުންނާއި ޙަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާ އާއި އިސްރާއީލުން ކުރިން ހީކުރި ވަރަށް ވުރެ މާ ވަރުގަދަ އަދި ފުޅާ ޕްރޮގްރާމެއް ކަމަށާއި، އޭގެ ބޮޑު ބައެއް ފޮރުވާފައި ވަނީ އީރާނުގެ މެދުތެރޭގައި ހުންނަ އިސްފަހާންގެ ނުވަތަ ފާރިސީ ފަރުބަދައިގެ 360 ފޫޓަށް ވުރެ އަޑީގައެވެ. އެހެން ކަމުން އެމެރިކާގެ އެންމެ ޒަމާނީ ބަންކާބަސްޓާ ބޮމުން ވެސް އެ ފެސިލިޓީ ނައްތައެއް ނުލެވޭނެއެވެ.






