މިރޭގެ ވަގުތެއްގައި މާލެ އިން ފުރއިގެން ކ. ކާށިދޫ އަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް، އެ ބޯޓުން ދަތުރުކުރި ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މި ބޯޓުން ޖުމްލަ 11 މީހަކު ދަތުރުކުރި އިރު އޭގެ ތެރެއިން 10 މީހަކު މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ސަލާމަތްކޮށްފަ އެވެ. އެއީ ފަސް ދިވެހިންނާއި ފަސް ބިދޭސީންނެވެ. ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް މާލެ އޭރިއާ ކޯސްޓް ގާޑްގެ ސެކަންޑް ސްކޮޑްރަން ކުރި މަސައްކަތުން ފެނިފައިވަނީ މިރޭ 23:30 ހާއިރު އެވެ. އޭނާ ފެނިފައިވަނީ އެ ބޯޓު ފަރަށް އެރި ސަރަހައްދުންނެވެ.
މަރުވެފައިވާ ބިދޭސީ މީހާ އަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ އެމްޑީ އަލަމްގިރް (30 އަހަރު) އެވެ. އެ މީހާ ގެންދިޔަ އިރުވެސް ވަނީ މަރުވެފައި ކަމަށް ކާށިދޫ ހެލްތު ސެންޓަރާއި ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
ފައިސަލާ ނަމަކަށް ކިޔާ މި ބޯޓު އަޑިއަށް ދިޔައީ ކާށިދޫ ދެކުނު ފަރާތުގެ ފަރަށް އަރައިގެންނެވެ. ފުލުހުން ބުނެފައިވަނީ މި ބޯޓު ފަރަށް އަރައިގެން އެ އިދާރާ އަށް ރިޕޯޓުކޮށްފައިވަނީ 19:52 ހާއިރު ކަމަށެވެ.
މި ބޯޓު ފަރަށް އަރާފައިވާތީ އެ ބޯޓުގައި ހުރި މުދާތައް އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރަމުންދާ އެންމެހާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.






