އަންނަ 2026 ވަނަ އަހަރު ވެގެންދާނީ ކޮރަޕްޝަނުން ސަލާމަތްކުރެވިފައި އޮތް ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ދެވިގެންދާނެ އަހަރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މި މޭރުމުން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަންނަ އަހަރަކީ ސަރުކާރުގެ މުއައްސަސާތަކުގެ ހިދުމަތްތައް ދެފުށް ފެންނަ ގޮތެއްގައި ހިންގުމަށް ކުރިއަށްގެންދާ މުހިއްމު މަޝްރޫއެއް ކަމަށްވާ މޯލްޑިވްސް 2.0ގެ މަސައްކަތް ފެށިގެންދާ އަހަރު ކަމަށެވެ.
ސަރުކާރުގެ ހިންގުމުގެ ނިޒާމު ކޮރަޕްޝަނާ ދިމާލަށް ދާން ދޫކޮށްލައިގެން ތިބޭނަމަ އަދުލުވެރި ވެރިކަމެއް ނުކުރެވޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮރަޕްޝަން ނައްތާލަންޖެހޭ ކަމަށާއި، ކޮރަޕްޝަން ނައްތާލުމަށް ރާއްޖެއިން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، މިކަން ކުރާނީ ދެފުށް ފެންނަ އަދި ޖަވާބުދާރީ ވެވޭ ނިޒާމެއް ގާއިމުކޮށްގެން ކަމަށެވެ.
ދަށު އަދި މެދު ފަންތީގެ މުވައްޒަފުންގެ މެދުގައި ކޮރަޕްޝަންގެ މައްސަލަތައް ބޮޑުކަން ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ. މިކަމުގެ ހައްލަކީ ޑިޖިޓަލް ނިޒާމަކަށް ހިދުމަތްތައް ބަދަލުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މީގެ މަސައްކަތްތައް މިހާރުވެސް އެކި މަރުހަލާގައި ވަނީ ފެށިފައި. އަންނަ އަހަރު ވާނެ އަމަލީގޮތުން މީގެ ބޮޑެތި މަސައްކަތްތައް ފެށޭ އަހަރަށް. ތިން އަހަރުގެ މަސައްކަތެއް މިއީ. 2028ގެ މެދަށް ދާއިރު މީގެ ބޮޑެތި މަސައްކަތްތައް ނިމި، އެ ރައްޔިތެއްގެ ހިދުމަތް އަތުން ފެންނަ ގޮތަށް ބަދަލުކުރެވޭނެ. އައިޑީ ކާޑްވެސް މުޅިން ޑިޖިޓަލައިޒް ކުރެވޭނެ." --- ރައީސް ވިދާޅުވި އެވެ.
ދެފުށް ފެންނަ، އަދުލުވެރި އަދި އިންސާފުވެރި ވެރިކަމެއް ކުރެވޭނީ ކޮރަޕްޝަނުގެ ވަބާއިން ސަލާމަތްވެ، ހެޔޮ ވެރިކަމުގެ ނިޒާމުތައް ގާއިމުކުރެވިގެން ކަމަށް ރައީސް އިތުރަށް ވިދާޅުވި އެވެ.
މޯލްޑިވްސް 2.0 ގެ އަމާޒަކީ ދައުލަތާއި ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކުރުމެވެ. ރައީސް ވިދާޅުވީ މިކަން ކޮށްގެން ހިދުމަތް ހޯދުމާއި ލިބިގަތުމުގައި ހިޔުމަން އިންޓަފިއަރެންސް ނުވަތަ އިންސާނީ ބައިވެރިވުން ނޯންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ސަރުކާރުގެ އެކި އޮފީސްތައް ޑިޖިޓަލައިޒްކޮށް ޕޭޕަލެސް ކުރުމަށް އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ބޮޑު އަދަދެއް ކަނޑައަޅާފައިވާނެ ކަމަށެވެ.






