ރައްޔިތުންނަށް ތަރައްގީގެ އުޖާލާ ދުވަސްތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު މި މޭރުމުން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްޔިތުންނަށް ފޮނުއްވަމުން ރައީސް ވިދާޅުވީ، ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދީ ރައްޔިތުން އެދޭ އަމާޒުތައް ހާސިލުކޮށް ދިނުމަށް މި ސަރުކާރުން ފަށާފައިވާ ދަތުރުގައި ކުރިއަށްދާނީ މާތްﷲގެ ހަޟްރަތުން ވާގި އެދިތިބެ އިހުލާސްތެރި ކަމާއެކުގައި ކަމަށެވެ.
"ދިވެހިރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވަމުން، ދިވެހި ރައްޔިތުން ފަހުރުވެރިވާނޭ ތަމައްދުނާއި ތަރައްގީގެ އުޖާލާ ދުވަސްތަކެއް މި ގައުމަށް އިރާދަކުރެއްވިއްޔާ ހޯދައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން." --- ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ ދިވެހި ރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށްވެސް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ހަމައެހެންމެ، ގައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމަށް ބާއްޖަވެރިކަމާއި ފާގަތިކަން ދެއްވުން އެދި އެމަނިކުފާނުގެ ޕޯސްޓުގައިވަނީ ދުއާ ކުރައްވައިފަ އެވެ.






