ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށާއި، މަތީ ދަރަޖަ ހޯދެއްވި ފަރާތްތަކަށް ޖުމްހޫރީ ދުވަހު އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 08:30ގައި ސޯޝަލް ސެންޓަރުގަ އެވެ.މި ރަސްމިއްޔާތުގައި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުން އޮންނާނެ އެވެ.
މި ޖަލްސާގައި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ އެވެ. މި ބޭފުޅުންނަކީ، 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން މި އިނާމަށް ބޭފުޅުން ހޮވާފައިވަނީ ގައުމީ އިނާމާބެހޭ ކޮމިޓީން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި 94 ބޭފުޅަކަށް މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އިނާމު ދެއްވާފައިވެ އެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި އަހަރު 33 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ އެވެ. މި އިނާމަށް ބޭފުޅުން ހޮވުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައީ ގައުމީ އިނާމާބެހޭ ހާއްސަ ކޮމިޓީންކަން ފާހަގަކޮށްލަންޖެހެ އެވެ.






