ތަރުހީބު ކުޑަވެ، ނޮވެމްބަރު 17 ވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބާއްވަން ނިންމި "ބޮޑު އެއްވުން" ނުބާއްވަން ނިންމައިފި އެވެ.
އެމްޑީޕީން އެއްވުމެއް ބޭއްވުމަށް ނިންމާފައިވަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރޭ ދުވަހާއި ދިމާކޮށެވެ. އެމްޑީޕީން އެ ގޮތަށް ނިންމީ ރޭ ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
އެމްޑީޕީން ވަނީ ނިމިދިޔަ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުވެސް އެއްވުމެއް ބާއްވައިފަ އެވެ. އެ އެއްވުމުގައި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ އިރުޝާދާ ހިލާފުވެ، އަމީނީ މަގުގެ ބަދަލުގައި މަޖީދީ މަގުން ދާން މަސައްކަތްކޮށް، ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ އާލާތްތައް އަތުލައި، ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި ފަދަ ތަކެތި އުކައިފަ އެވެ
އެ މުޒާހަރާ އިން އަށް މީހަކު ހައްޔަރުކުރިއިރު، އެ މީހުންގެ ތެރޭގައި މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހް، ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބް އަބްދުﷲ އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް ހިމެނެ އެވެ.
އެމްޑީޕީން މި މަހު ބޭއްވުމަށް ނިންމި އެއްވުން ނުބާއްވަން ނިންމާފައިވާއިރު، ވެރިކަން ކުރާ ޕީއެންސީން ވަނީ މި މަހުގެ 14 ވަނަ ދުވަހު ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފަ އެވެ. މި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.






