ސްޕެއިންގެ ކުރީގެ ރަސްގެފާނު ޚުއާން ކާލޯސް، މީގެ ގާތްގަނޑަކަށް ހަތްދިހަ އަހަރު ކުރިން އޭނާގެ ކޮއްކޮ އަށް ފިސްތޯލަޔަކުން ޙަމަލާ ދީ މަރައިލި ވާހަކަ އަމިއްލައަށް ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ. މިހާރު އަބޫދާބީގައި ދިރިއުޅެމުން އަންނަ އުމުރުން 87 އަހަރުގެ ކާލޯސް މި ވާހަކަ ހާމަކުރީ އޭނާގެ ހަނދާންތަކުގެ ނަމުގައި ނެރުނު ފޮތެއްގައެވެ.
ހާދިސާ ހިނގި ގޮތް ބަޔާން ކޮށްދެމުން ކުރީގެ ރަސްގެފާނު ޚުއާން ކާލޯސް ލިޔެފައިވާ ގޮތުގައި އެ ހާދިސާ ހިނގިއިރު އޭނާގެ އުމުރަކީ 18 އަހަރެވެ. އޭރު މަސައްކަތް ކުރީ ޖެނެރަލް މިލިޓަރީ އެކެޑެމީގެ ކެޑޭޓެއްގެ ގޮތުގައެވެ. އެއީ 1956 ވަނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހެވެ. ކޮއްކޮ އަލްފޮންސޯ އަށް އޭރު 14 އަހަަރު ކަމަށާއި ގޭގެ މަތީ ފަންގިފިލާގައި ސަކަރާތް ޖަހަން ދެބެން އުޅެނިކޮށް އަތުގައި އޮތް ފިސްތޯލައިގައި ވަޒަން ނެތް ކަމަށް ބަލައި ކޮއްކޮ އާއި ދިމާލަށް ޖެހީ ކަމަށާއި އެއާއި އެކު ކޮއްކޮގެ ނިތްކުރިޔަށް ވަޒަން އަރައި ކޮއްކޮ މަރުވީ ކަމަށް ސްޕެއިންގެ ކުރީގެ ރަސްގެފާނު ޚުއާން ކާލޯސް އޭނާގެ “މެމޮރީ”ގައި ލިޔެފައި ވެއެވެ.
މި ހާދިސާ މިހާތަނަށް އޮތީ ސިއްރެއްގެ ގޮތުގައެވެ. ކާލޯސް އޭނާގެ ކޮއްކޮ އަށް ޙަމަލާދީ މަރައިލި މައްސަލަ ޢާއިލާތެރޭގައި “އޮއްބައިލީ” އެއީ އޭނާއަށް އޮޅުމަކުން ކުރެވުނު ކަމަކަށް ވާތީ ކަމަށް ވާއިރު، މައްސަލަ އާއި ގުޅިގެން އެއްވެސް ތަޙްޤީޤެއް ވެސް ހިންގާފައި ނުވެއެވެ.
ތާރީޚް ލިޔުންތެރިޔާ ލޯރެންސް ޑެބްރޭ އާއި ގުޅިގެން ލިޔެފައިވާ މި ހަނދާންތައް ސްޕެނިޝް ބަހުން ރިލީޒްކުރާނީ އަންނަ ޑިސެމްބަރު މަހުގައެވެ.






