އެމެރިކާގެ ހުށަހެޅުމަކަށް އދ. އިން ޝަރާޢާ އަކީ "ސާފު ހުދުފޮތިކޮޅަކަށް" ހަދައިފި

ޢަބްދުﷲ ޖުނައިދު | 28 ދުވަސް ކުރިން - 7 ނޮވެންބަރު 2025 17:55
ޝަރާޢާ އާއި ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އދ އިން އުވައިލީ ޓްރަމްޕްގެ ސަރުކާރުގެ ހުށަހެޅުމަށް.
ޝަރާޢާ އާއި ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އދ އިން އުވައިލީ ޓްރަމްޕްގެ ސަރުކާރުގެ ހުށަހެޅުމަށް.
ޚުލާސާ

އެމެރިކާގެ ހުށަހެޅުމަކަށް، ސީރިއާގެ މިހާރުގެ ރައީސް އަދި އެޗްޓީއެސްގެ ވެރިޔާ އަލް-ޝަރާޢާ އަކީ ޓެރަރިސްޓެއް ނޫންކަމަށް ނިންމައި ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް އދ. އިން އުވާލައިފި.

އެމެރިކާގެ ހުށަހެޅުމާއި އެކު، ސީރިޔާގައި ވެރިކަން ކުރާ ހައިޔަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ރައީސް އަޙްމަދު އަލް-ޝަރާޢާ ނުވަތަ (ކުރީގެ ނަމުން ނަމަ އަބޫ މުޙައްމަދު އަލް ޖޫލާނީ) އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް މުޅިން އުވައިލުމަށް އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ.

މި ކަމަށްޓަކައި ބޭއްވި މަޖިލީހުގައި 14 ޤައުމުން ޝަރާޢާ އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް ވޯޓު ދެއްވިއިރު ވޯޓުގައި ބައިވެރި ނުވަނީ ހަމައެކަނި ޗައިނާއިންނެވެ. ސަބަބަކީ ސީރިއާގައި ޙަރަކާތްތެރިވާ ބޭރުގެ ހަނގުރާމަވެރި ޖަމާޢަތްތަކާއި ދެކޮޅަށް ޝަރާޢާގެ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާތީއެވެ.

އަލް-ޝަރާޢާ އަކީ 2014 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރިމަތިލާފައިވާ މީހެކެވެ. އަލްޤައިދާ އާއި ގުޅުން ހުރި ނުޞްރާ ފްރަންޓުން ފެށިގެން އޭނާ އަށް ދަތުރުފަތުރު ކުރުމުގައި ވެސް ހުރަސްތަކާއި ކުރިމަތިލާން ޖެހުނުއިރު، ފަހުން އެޗްޓީއެސް ގެ ނަމުގައި ޙަރަކާތްތެރިވާން ފެށުމުން ވެސް ކައުންޓަރ ޓެރަރިޒަމްގެ ނިޒާމުގެ ތެރެއިން އެމެެރިކާ އާއި އދ. އިން އޭނާ އާއި ދެކޮޅަށް ފިޔަވަޅުތައް އަޅަފައި ވެއެވެ. އޭގެތެރޭގައި އެސެޓް ފްރީޒްކުރުމާއި، އޭނާ އާއި ގުޅުން ހުރި ފަރާތްތަކަށް ހަތިޔާރު ދިނުމާއި ވިއްކުން ވެސް މަނާ ކޮށްފައި ވެއެވެ.

އދ. ގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލާ ލިސްޓުން ޝަރާޢާގެ ސަރުކާރު އުނި ކުރަން ނިންމީ މި އަހަރު އެޗްޓީއެސް އާއި އަލްޤައިދާ އާއި ދެމެދު ގުޅުމެއް ނެތް ކަމަށް މޮނިޓަރ ކުރުމަށް ފަހު ގައެވެ.

ޝަރާޢާ ވަނީ އޭނާގެ ފައުޖާއި އެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސީރިޔާގެ ވެރިރަށަށް އަރައި ބައްޝާރުލް އަސަދުގެ ވެރިކަން ފުނޑުފުނޑު ކޮށްލައި، އެ ޤައުމުގެ ރައީސް ކަމުގެ މަޤާމަށް އިސްވެފައެވެ. އެއަށް ފަހު މިހާރު އޭނާ ގެންދަވަނީ ސީރިއާގެ ޚާރިޖީ ސިޔާސަތު ތަކަށް ބަދަލު ގެނެސް ހުޅަނގުގެ އިތުބާރު ހޯދަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%