ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެމްބަރު 3ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރުވައިފިއެވެ.
ރައީސް މައުމޫނަށް ނޮވެމްބަރު 3ގެ ޝަރަފުގެ ހާއްސަ އައްޑަނަ އެރުވީ މިއަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫނަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމެވީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރުމުގެ ގޮތުންނެވެ.
ޓެރަރިސްޓުންނާ ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނަވައިގެން ރައީސް މައުމޫން ދެއްވި އިރުޝާދާއި ކުރައްވާފައިވާ އަގުހުރި ހިދުމަތް ފާހަގަކޮށްލެވެއެވެ. އަދި ދުޝްމަނުންގެ އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލުމަށް ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު އެޅުއްވި މުހިންމު ފިޔަވަޅުތައް ފާހަގަކޮށްލެވެއެވެ.
މިއަދު ނަސްރުގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ދިވެހީންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ރާއްޖެ އަރައި ދިން ހަމަލާގެ ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު ނަސްރުގެ ހަނދާން އާ ކުރުމަށެވެ.
އެ ޓެރަރިސްޓް ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 8 މީހަކާއި އާންމުންގެ 11 ބޭފުޅެކެވެ.
އެ ހަމަލާ ނާކާމިޔާބުވުމުން ތަމަޅަ ހަނގުރާމަވެރިން ފިލައިގެން ދިޔައީ މާލޭ ބަނދަރުގައި އޮތް އާގުބޯޓެއް ކަމަށްވާ ޕްރޮގްރެސް ލައިޓްގަ އެވެ. އެކަމަކު ކަނޑުމަތިން އެ ބޯޓު ހުއްޓުވައި، އިންޑިއާ ސިފައިން ހަމަލާދީ ފައްތާލި އެވެ. އެ ހަމަލާގެ ޒިންމާ ނަގަންޖެހޭ ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރުގެ އިތުރުން، މަރުނުވެ ތިބި ޓެރަރިސްޓުން އަތުލައިގަނެގެން މާލެ ގެނަ އެވެ. އަދި ރަހީނުކޮށްގެން ގެންދިޔަ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ސަލާމަތްކުރި އެވެ.
ލުތުފީ އާއި ނާސިރުގެ މައްޗަށް އޭރުގެ އެންމެ މަތީ ކޯޓު، ހައި ކޯޓުން، އިއްވީ މެރުމުގެ ހުކުމެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އަށް އޭރުގެ ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން، ރައީސް މައުމޫން އެ ހުކުމް ބަދަލުކުރެއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަަކަށެވެ.






