މާލެ ސިޓީ ކައުންސިލުގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ 2026 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ކަމަށެވެ.
ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވެ އެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގައި ވެސް ހަ އުމުރުފުރާ ހިމެނޭނެ އެވެ. އެއީ ހަ އަހަރުން ދަށާއި، ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހަށް ދަރިވަރަށް ފުރޭ އަހަރަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
މި މުބާރާތުގެ ހަ އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއް ނުވެ އެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުންނާއި ކޮންމެ ގްރޫޕަކުންނާއި އަދި ކޮންމެ ގޮތްޕަކުން، އެންމެ މޮޅު ފަސް ދަރިވަރުން ހޮވާނެ އެވެ. މި ދަރިވަރުންގެ ތެރެއިން، ކޮންމެ ޢުމުރުފުރާއަކުން، އެއްވަނަ، ދެވަނަ އަދި ތިންވަނަ، ހޮވާނެ އެވެ. އަދި ކޮންމެ ގްރޫޕަކުންނާއި ކޮންމެ ގޮތްޕަކުންވެސް ވަނަތައް ހޮވާނެ އެވެ. ގުރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ އެއް ގޮފީގައި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
މި މުބާރާތުގެ ވަނަ ހާސިލުކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ (މުބާރާތުގެ ކޮންމެ އުމުރުފުރައެއްގެ ކޮންމެ ގޮތްޕަކުން):
- އެއްވަނަ -/7،000ރ، ޓްރޮފީއާއި ސެޓްފިކެޓް
- ދެވަނަ -/5،000ރ، ކްލާކާއި ސެޓްފިކެޓް
- ތިންވަނަ -/3،000ރ، ކްލާކާއި ސެޓްފިކެޓް
މުބާރާތުގެ ސީނިއާ ގްރޫޕާއި ޖޫނިއާ ގްރޫޕުން، ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުން:
- އެއްވަނަ -/7،000ރ، ޓްރޮފީއާއި ސެޓްފިކެޓް
- ދެވަނަ - /5،000ރ، ކްލާކާއި ސެޓްފިކެޓް
- ތިންވަނަ -/3،000ރ، ކްލާކާއި ސެޓްފިކެޓް
މުބާރާތުގެ ބަލައިގެން ކިޔެވުމުންނާއި ނުބަލައި ކިޔެވުމުން، މުޅި މުބާރާތުން:
- އެއްވަނަ -/10،000ރ ޓްރޮފީ އާއި ސެޓްފިކެޓް
- ދެވަނަ -/7،000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- ތިންވަނަ -/5،000ރ، ޓްރޮފީ އާއި ސެޓްފިކެޓް
ގުރުއާން މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން ކޮންމެ ގޮތްޕަކުން އަދި މުޅި މުބާރާތުން ހަތަރު ވަނަ އަދި ފަސްވަނަ އަށް ސެޓްފިކެޓް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މަދަހަ މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތަކަކީ ވެސް ހަ އަހަރުން ދަށާއި، ނުވަ އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުންދަށެވެ. އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މި މުބާރާތުގެވެސް ހަ އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ މަދަހަ ކިޔުން އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވެ އެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ފަސް ދަރިވަރުން ހޮވާނެ އެވެ. މި ދަރިވަރުންގެ ތެރެއިން، ކޮންމެ އުމުރުފުރާއަކުން، އެއްވަނަ، ދެވަނަ އަދި ތިންވަނައިގެ އިތުރުން ކޮންމެ ގްރޫޕަކުން އަދި މުޅި މުބާރާތުންވެސް ވަނަތައް ހޮވާނެ އެވެ.
މި މުބާރާތުގެ ވަނަ ޙާޞިލްކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ (މުބާރާތުގެ ކޮންމެ ޢުމުރުފުރާއަކުން):
- އެއްވަނަ -/7،000ރ، ޓްރޮފީއާއި ސެޓްފިކެޓް
- ދެވަނަ - /5،000ރ، ކްލާކާއި ސެޓްފިކެޓް
- ތިންވަނަ -/3،000ރ، ކްލާކާއި ސެޓްފިކެޓް
މުބާރާތުގެ ސީނިއާ ގްރޫޕާއި ޖޫނިއާ ގްރޫޕުން:
- އެއްވަނަ -/7،000ރ، ޓްރޮފީއާއި ސެޓްފިކެޓް
- ދެވަނަ - /5000ރ، ކްލާކާއި ސެޓްފިކެޓް
- ތިންވަނަ -/3،000ރ، ކްލާކާއި ސެޓްފިކެޓް
މުބާރާތުގެ ދެ ގްރޫޕު އެއްކޮށް، މުޅި މުބާރާތުން:
- އެއްވަނަ -/10،000ރ ޓްރޮފީ އާއި ސެޓްފިކެޓް
- ދެވަނަ -/7،000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- ތިންވަނަ -/5،000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މަދަމަ މުބާރާތުގެ ކޮންމެ އުމުރުފުރާއަކުންނާއި ކޮންމެ ގްރޫޕަކުން އަދި މުޅި މުބާރާތުން ހަތަރުވަނަ އަދި ފަސްވަނައަށް ސެޓްފިކެޓް ދޭން ހަމަޖެހިފައިވާ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
މި ދެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން މިއަދުން ފެށިގެން އަށެއް ނޮވެމްބަރު ވާ ހޮނިހިރު ދުވަހުގެ 14.00 ގެ ނިޔަލަށް https://participate.malecity.gov.mv/ މި ލިންކުން އެޕްލިކޭޝަން ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.






