ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޕީއެންސީގެ ޓިކެޓުގައި އިންތިހާބުވެ އެމަނިކުފާނު ރައީސް ކަމުގެ ހުވާ ނުކުރައްވަނީސް އެ ޕާޓީ ދޫކޮށް ވަޑައިގެން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ނަމުގައި ޕާޓީއެއް އުފައްދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ޕާޓީގެ ރައީސް ކަމަށް ހޮވިވަޑައިގެންފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ޕީއެންއެފް އިން ބޭއްވި ހާއްސަ ޖަލްސާގައި އެ ޕާޓީގެ އިސް މަގާމުތަކަށް މީހުން ހޮވާފައިވާއިރު، ރައީސް ކަމަށް ކުރިމަތިލެއްވީ ޔާމީން އެކަންޏެވެ. އަދި ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވަކިކުރެއްވި ނައިބު ރައީސް އަދި އެމަނިކުފާނުގެ ވެރިކަން 2018 ގައި ނިމުމަކަށް ގެންނަން އެންމެ ބޮޑު މަސައްކަތެއް ކުރެއްވި މުހައްމަދު ޖަމީލާއި ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ. އެ ދެމީހުން ވެސް ވަނީ ހޮވިވަޑައިގެންފަ އެވެ.
ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެ މަގާމަށް ހޮވިވަޑައިގެންފައިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރުކަން އަދާކުރެއްވި ޖަމީލުގެ ކޮއްކޯފުޅު މަލީހު ޖަމާލެވެ. އެ ޕާޓީގެ ހަޒާންދާރަކަށް އިންތިހާބުވެފައިވަނީ އަހްމަދު މުސްތަފާ މުހައްމަދު އެވެ. އަދި ރަޖިސްޓްރާއަކަށް ހއިންތިހާބުވެފައިވަނީ އަލީ ޝިޔާން ނާޝިދު އެވެ.
އެ ޕާޓީގެ ކައުންސިލް ނުވަތަ ސެނެޓަށް 14 ބޭފުޅަކު އިންތިހާބުވެފައިވާއިރު އެ މަގާމަށް 48 ބޭފުޅަކު ވާދަކޮށްފައިވެ އެވެ. އިންތިހާބުވެފައިވަނީ؛
- އާދަމް އާސިފް (296 ވޯޓު)
- އަހްމަދު ފަޔާޒް އަލީ (294 ވޯޓު)
- އަބްދުﷲ ސަމަދު (279 ވޯޓު)
- ޝަރީފާ ސައީދު (276 ވޯޓު)
- ހަލީމަތު ޒުހައިރާ (267 ވޯޓު)
- އަލީ ޝާހު (262 ވޯޓު)
- ނާއިފް ޝައުކަތު (258 ވޯޓު)
- ފާތިމަތު ރަހުމާ (247 ވޯޓު)
- މުހައްމަދު އަބްދުއްލަތީފު (247 ވޯޓު)
- އަދްލީ އިސްމާއިލް (243 ވޯޓު)
- އަބްދުﷲ ސަހީލް ޖަލީލް (242 ވޯޓު)
- މައިޒަރު އާދަމް ޒާހިރު (236 ވޯޓު)
- އަބްދުﷲ އިބްރާހިމް (233 ވޯޓު)
- އައިޝަތު ހަފީޒް (230 ވޯޓު)
ރައީސް ޔާމީންގެ ވެރިކަން ބަލިކަށި ކޮއްލައި އެމަނިކުފާނުގެ ވެރިކަން ފުރޮޅާލަން މަސައްކަތްކުރި މީހުން ޕީއެންއެފްގައި ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ނައިބު ރައީސް ޖަމީލާއި، ސެކެރެޓަރީ ޖެނެރަލް މަލީހާއި ސެނެޓު މެމްބަރު އަހްމަދު ފަޔާޒް އަލީ (ޕާޕާ) އާއި އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ހުސައިން ވަހީދު ވެސް ހިމެނެ އެވެ.
2023 ގެ އިންތިހާބާ ކުރިމަތިލިއިރު ޔާމީން އޮންނެވީ ޖަލުގަ އެވެ. އެމަނިކުފާނު ޖަލުން މިނިވަންކޮށްދިނުމަށް ޕީޕީއެމްގެ ވެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި އެވެ. އޭގެ ތެރޭގައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް އެމަނިކުފާނު މިނިވަން ނުވުމުގެ ސަބަބުން ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބަށް ނެރޭނެ ކެނޑިޑޭޓެއް އެމަނިކުފާނުގެ އަތްޕުޅަށް ދޫކޮށްލެއްވި އެވެ. ނަމަވެސް އެމަނިކުފާނު ނިންމެވީ އިންތިހާބު ބޮއިކޮޓް ކުރާށެވެ.
ވަގުތު ކުޑަތަން ވެފައިވުމުން އަދި އިބްރާހިމް ސޯލިހަށް އިތުރު ދައުރެއް ދިނުމަކީ ޕީޕީއެމް/ޕީއެންސީ ލީޑަޝިޕަށް އަދި އެ ދެ ޕާޓީގެ އާންމު މެމްބަރުން ވެސް އެދޭނެ ކަމަކަށް ނުވުމުން އެ ދެ ޕާޓީގެ ލީޑަޝިޕުން ނިންމެވީ ސެނެޓުގެ ވޯޓަކަށް ދިޔުމަށެވެ. އިންތިހާބު ބޮއިކޮޓް ކުރާނީތޯ ނޫނީ ނުކުރާނީތޯ ނިންމާށެވެ. ސެނެޓުން ނިންމެވީ އިންތިހާބު ބޮއިކޮޓް ނުކުރާށެވެ. އޭރު ރައީސް ޑރ މުއިއްޒު ވަނީ ޕީއެންސީގެ ޓިކެޓު ވެސް މިހާރުގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ވާދަކޮށް ކާމިޔާބުކޮށްފަ އެވެ. އިންތިހާބު ބޮއިކޮޓް ނުކުރަން ސެނެޓުން ނިންމެވުމާއެކު ޖެހިގެން އައި ދުވަހު ރައީސް ޑރ. މުޢިއްޒު އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ ކެނޑިޑެންސީ ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ.
ވެރިކަމަށް އިންތިހާބުވުމުން އޭގެ އަނެއް ދުވަހު ރައީސް ޑރ. މުޢިއްޒުގެ އެދިލެއްވުމަށް ސޯލިހު ވަނީ ޔާމީން ގެއަށް ބަދަލުކޮށްދެއްވާފަ އެވެ. ނަމަވެސް މިހާރު އެކަން ޔާމީން ގަބޫލުފުޅެއް ނުކުރައްވަ އެވެ. ޕީޕީއެމް/ޕީއެންސީގެ ފިކުރު ރައީސް ޑރ. މުޢިއްޒު ހުވާ ނުކުރައްވަނީސް ޔާމީން ދޫކޮށްލެއްވީ އަމިއްލަ އަށް އުފެއްދެވި ޕާޓީގައި އެހެން ބޭފުޅަކު ވެރިކަން ކުރާތީ އުދަނގޫފުޅު ވެގެން ކަމަށް ވެސް ވެދާނެ އެވެ.






