ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ މައްޗަށް މަރުގެ ދަޢުވާ ކުރުމަށް އެގައުމުގެ އިންތިޤާލީ ސަރުކާރުން ނިންމައިފިއެވެ.
ޙަސީނާގެ މައްޗަށް މަރުގެ ދައުވާ ކުރަން ނިންމީ ، އޭނާގެ ބޮޑުވަޒީރުކަމާއި ދެކޮޅަށް ރައްޔިތުން ނިކުތުމުން ޙަސީނާގެ އެންގެވުމަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މަރުވެފައިވާ މައްސަލާގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
ޙަސީނާގެ ވެރިކަން ރައްޔިތުން ނިކުމެ ބަދަލު ކުރީ ، އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރުކުރުމާއި ދަންޖައްސާ މަރާފައި ވުމާއި ، ސިޔާސީ ބައެއް ފަރާތްތައް ވީނުވީ އެއް ނޭނގި ގެއްލުވާލާފައި ވުމާއި ، ވަޒީފާ ދިނުމުގައި ސަރުކާރުން ގެންގުޅުނު ކޯޓާ އުޞޫލާއި މެދު ކިޔަވާ ކުދިންނާއި ރައްޔިތުން ހިތްހަމަ ނުޖެހުން ބޮޑުވުމާއި އިންތިޚާބުގައި މަކަރުހެދުމާއި ކޮރަޕްޝަން ބޮޑުވުމާއި ޕާޓީ އާއި ސަރުކާރު އެކައްޗެއް ގޮތުގައި ހިންގުމާއި ބަނގުލަދޭސްގެ ދާޚިލީ އަދި ޚާރިޖީ ކަންކަމުގެ މައްޗަށް މާބޮޑަށް އިންޑިޔާ ނުފޫޒު ފޯރުވާކަމަށް ބުނެއެވެ.
އެގޮތުން ޔުނިވަރުސިޓީތަކާއި ކޮލެޖުތަކުގެ ދަރިވަރުން ޙަސީނާ އާއި ދެކޮޅަށް ކުރަމުން ގެންދިޔަ ވަރުގަދަ މުޒާހަރާތައް ކޮންޓްރޯލު ނުކުރެވުމުގެ ސަބަބުން ޙަސީނާ އިސްތިޢްފާ ދެއްވުމަށް ފަހު އިންޑިޔާއަށް ވަޑައިގަތީއެވެ.
ހަސީނާ އިންޑިއާއަށް ވަޑައިގަތީ އޭނާ އަވަހާރަ ކޮށްލުމަށް މިލިއަނަކަށްވުރެ ގިނަ މީހުން އޭނާގެ ގެކޮޅާއި ދިމާލަށް މިސްރާބު ޖަހާފައި ވަނިކޮށެވެ. މުޒާހަރާގެ ބައިވެރިން އެދުވަހު ވަނީ ހަސީނާގެ ގެކޮޅަށް ވަދެ އެތަނަށް ގެއްލުން ވެސް ދީފައެވެ. އަދި އޭނާގެ އެނދުކޮޅަށް އަރައި ފޮޓޯ ނަގައި މަޖާކޮށް ހެދިއެވެ. އެމީހުން އެގެއިން ނުުކުމެގެން ދިޔައީ އެމީހެއްގެ އަތުގައި ޖެހުނު އެއްޗެއް ހިފައިގެންނެވެ.
ހަސީނާ ބަންގްލަދޭޝް ދޫކޮށް ފިއްލަވާ ވަޑައިގަތުމަށްފަހު އޭނާގެ ދަރިކަލުންނާއި ޙަވާލާދީ ބީބީސީން ބުނީ ބަންގްލަދޭޝްގެ ސިޔާސީ ކަންކަމުން ހަސީނާ މުޅިން ވަކިވީ ކަމަށާއިސްތިއުފާ ދިނީ އާއިލީ މެމްބަރުންގެ ލަފަޔާ އެކުގައެވެ. ނަމަވެސް، މިހާރު މީޑިއާ ހަބަރުތައް ހަސީނާގެ ދަރިކަލުންނާއި ހަވާލާދީ ބުނަނީ އަދިވެސް ގާނޫނީ ބޮޑުވަޒީރަކީ ހަސީނާ ކަމަށާއި ކޯޓުގައި އެކަމަށް ވަކާލާތު ވެސް ކުރެވޭނެ ކަމަށެވެ.
ހަސީނާގެ މައްޗަށް މަރުގެ ދައުވާ ކުރުމަށް ނިންމާފައިވާއިރު އެގައުމުގެ ސިފައިން މީގެ ކުރިން ބުނެފައިވަނީ، ހުރިހާ މަރުަކަށް ވެސް އިންސާފު ހޯދައިދޭނެ ކަމަށެވެ.









