އަންނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި 5.3 ޕަސެންޓަށް ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހަަޅުއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ 2026 ވަނަ އަހަރާއި 2028 ވަނަ އަހަރާދެމެދު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އެވަރެޖްކޮށް ހުންނާނެކަމަށް އަންދާޒާކުރެވެނީ 4.9 ޕަސެންޓުގައި ކަމަށެވެ.
އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުން ކުރެވެން ފެށުމާއި ސަރަހައްދީ އެއާޕޯޓުތަކަށް ގެނެވުނު ކުރިއެރުމާއެކު، އަންނަ އަހަރާއި މެދުރާސްތާގައިވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާ ގުޅުންހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެކަމަށް ލަފާކުރުވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި 2026 ވަނަ އަހަރާއި މެދުރާސްތާގައި ހިނގާނެކަމަށް ބެލެވޭ ހަރަދަށް ބިނާކޮށް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާ އެވަރެޖްކޮށް އަހަރަކު 31 ޕަސެންޓުން ކުރިއަރާނެކަމަށް އަންދާޒާކުރެވޭ ކަމަށް ބޭރު ފައިސާގެ ގާނޫނާއި ގަވާއިދަށް ގެނެވިފައިވާ ބަދަލުތަކާއި އިގުތިސާދީ ކުރިއެރުމާއެކު މިއަހަރު ނިމޭއިރު ރަސްމީ ރިޒާވް 848.6 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެ 2026 ވަނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރު ދައުލަތަށް ލިބޭ ޖުމުލަ އާމްދަނީއާ ހިލޭ އެހީ ހުންނާނެކަމަށް ލަފާކުރެވެނީ 40.4 ބިލިއަން ރުފިޔާގަ އެވެ. މިއީ މިއަހަރަށް ލިބޭނެކަމަށް ލަފާކުރާ 37.9 ބިލިއަން ރުފިޔާގެ އާމްދަނީއަށްވުރެ 6.6 ޕަސެންޓުގެ އިތުރުވުމެކެވެ. އަންނަ އަހަރު ދައުލަތަށް ލިބޭ ޖުމުލަ އާމްދަނީއާ ހިލޭ އެހީ 6.6 ޕަސެންޓު އިތުރުވާނެ ކަމަށް ލަފާކޮށްފައިވާއިރު 2025 ވަނަ އަހަރު އާމްދަނީ އިތުރުކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު 2026 ވަނަ އަހަރު ފެނިގެންދާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި 2026 ގެ ބަޖެޓަކީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ސިއްހަތު، ތައުލީމު، އަދި ހަކަތަ ފަދަ މުހިންމު އަސާސީ ހިދުމަތްތަކަށް ދެމެހެއްޓެނިވި ހައްލުތައް ގެނެސްދޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ބަޖެޓެކެވެ.






