އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް

މުހައްމަދު ޖަމްޝަތު | 31 ދުވަސް ކުރިން - 30 އޮކްޓޯބަރު 2025 15:48
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު---ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ދައުލަތުން ދަރަނި ދެއްްކުމުގެ ހަރަދު އުނިކޮށް ބަލާއިރު، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެއް

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓަކީ މިހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

މިއަދު މަޖިލީހަށް ހުށައެޅި ބަޖެޓާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު މިއަހަރުގެ ބަޖެޓަށްވުރެ ކުޑަވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދާއި ނުލައި 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މިއީ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކޮށް 64.2 ބިލިއަންގެ ބަޖެޓެއް ހުށަހަޅާފައިވާއިރު އަންނަ އަހަރަކީ ކުރީ ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނި ދައުލަތުން ދައްކަން ޖެހޭ އަހަރެވެ. އެގޮތުން އަންނަ އަހަރުގެ އޭޕްރީލްގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ސުކޫކު ސަރުކާރުން އަނބުރާ ދައްކަން ޖެހެ އެވެ. އަދި 2022 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑު ވެސް ސަރުކާރުން ދައްކަން ޖެހެ އެވެ. މި ހަރަދުތަކަށް ބަޖެޓުގައި 9.3 ބިލިއަން ވަނީ ހިމަނައިފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ކަނޑައަޅާފައިވަނީ 49.2 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.4 ބިލިއަން ރުފިޔާ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%